ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވޮލީ ކޯޓުގައި ކުރިއަށްދާ މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލީގު ބުރު ނިމުނު އިރު، އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލްގެ ސީދާ ޖާގަ އެޗްޑީސީން ހޯދައިފިއެވެ.
މިއަހަރުގެ އޮފީސް/ ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ފެންނަނީ ވަރުގަދަ ކޮށެވެ. ލީގު ބުރެއް ނިންމައި، އެއްވަނައިގައި އޮންނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށް މުބާރާތް ރާވާފައިވާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ އާއި ތިންވަނަ ޓީމު ކުރިމަތިލާ ސެމީ ފައިނަލް މެޗަން މޮޅުވާ ޓީމެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް އާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.
އެޗްޑީސީން ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އިރު، އެންމެފަހުން ލީގު ބުރުގައި ކުޅުނު މެޗުގައި އެމްއެންޑީއެފް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 35-18، 25-17 އަދި 30-28 އިން ސެޓުތައް ގެންގޮސްގެންނެވެ.
ވެމްކޯއިން ލީގު ބުރުގެ ދެވަނަ ޔަގީންކުރީ އެމްއެންޑީއެފް ބަލިކޮށްގެންނެވެ. އެއީ 3-2 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެމްއެންޑީއެފް އިން ފުރަތަމަ ސެޓު 25-18 އިން ގެންދިޔަ އިރު، ދެން ޖެހިގެން އައި ދެ ސެޓު ވެމްކޯއިން ގެންދިޔައީ 25-15، 25-23 އިންނެވެ. ދެން ޖެހިގެން އައި ސެޓު، 25-22 އިން އެމްއެންޑީއެފްއިން ގެންގޮސްފައިވާ އިރު، ޓައި ބްރޭކަރު ސެޓު ވެމްކޯއިން ގެންގޮސްފައި ވަނީ 15-7 އިންނެވެ.
މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗު މާދަމާ ހަވީރު އޮންނާނެއެވެ. ވެމްކޯއާއި ސިފައިން އެމެޗުގައި ވާދަކުރާ އިރު، ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުއެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް