މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވަޑް، ޖޫލިއަން އަލްވަރޭޒް ކްލަބުގެ މުސްތަގުބަލާ ދޭތެރޭ ވިސްނާނީ މިހާރު ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްއަށް ފަހުގައި ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ އަލްވަރޭޒަކީ އާޖެންޓީނާގެ ސީނިއާ ޓީމުން އޮލިމްޕިކްސްއަށް ދިޔަ މަދު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ސިޓީގައިވެސް ލިބުނު މެޗުތައް އެހާ ގިނަ ނޫން ކަމުން އޭނާ އޮލިމްޕިކްސްގައި ކުޅެން ނިންމީ ކޮޕާ އެމެރިކާގައި އާޖެންޓީނާގެ ފުރަތަމަ 11 ގައި އާންމުކޮށްވެސް ހިމެނިފައިނުވާތީއެވެ.

އާޖެންޓީނާ އިން ޔުކްރޭނާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ ޓީމުގެ ގޯލުތައް ޖެހީ ތިއާގޯ އަލްމާޑާއާއި ކްލައުޑިއޯ އެޗެވޭރީއެވެ. އާޖެންޓީނާއާއި މޮރޮކޯވެސް މިހާތަނަށް އޮލިމްޕިކްސް ގްރޫޕް ބީގައި ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ވަނީ ހަމަކޮށްފައެވެ. އެ ގްރޫޕުގައި ދެން އޮތް ޔުކްރޭނާއި އިރާގަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އާޖެންޓީނާ ވަނީ ކުއާޓާއަށް ގޮސްފައެވެ.

އާޖެންޓީނާ ސީނިއާ ޓީމުން އެންމެފަހުން ބޭއްވި ދެ ކޮޕާ އެމެރިކާއާއި ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައިވާ އިރު، އަލްވަރޭޒަކީވެސް މިހާރު ދުނިޔޭގެ ޗެމްޕިއަނެކެވެ.

"ވަރަށް ގިނަ ވާހަކަ ދެކެވެމުން އެބަ ދޭ. މިހާރު އަހަރެންގެ ވިސްނުން މި އޮތީ އޮލިމްޕިކްސް އަށް. އަހަރެން ސިޓީގައި މިދިޔަ ސީޒަނުގައިވެސް ހުރީ އުފަލުން. އަހަންނަށް ލިބުނު އެކަށީގެންވާ މިނެޓްވެސް. އެހެންވިޔަސް، އަހަރެން ގޮތެއް ނިންމާލީ އޮލިމްޕިކްސްއަށްފަހު. އޮލިމްޕިކްސް ނިންމާފައި ވަގުތު އޮތިއްޔާ ޗުއްޓީއަކަށްވެސް ގޮސްފައި ކުރިމަގާމެދު ގޮތެއް ނިންމާނީ،" އަލްވަރޭޒް ބުންޏެވެ.

ސިޓީން މިދިޔަ ސީޒަނުގައި ވި އެންމެ މާޔޫސީ ބައްޔަކީ މެންޗެސްޓާ ޔުނައިޓެޑް ކައިރިން އެފްއޭ ކަޕް ފައިނަލުގައިވި ބައްޔެވެ. އެ މެޗުގެ ފުރަތަމަ 11 އަށް އަލްވަރޭޒް ނެރެފައެއް ނުވެއެވެ.

އެ މެޗާ ގުޅޭ ގޮތުން އަލްވަރޭޒް ބުނީ މުހިންމު މެޗުތަކުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ބޭނުމަކަށްވާ ނަމަވެސް، އެކަމާ ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.

އަލްވަރޭޒާ ގުޅޭ ގޮތުން ޕެޕް ގާޑިއޯލާ ބުނީ މުހިންމު މެޗުތަކުން ފުރުސަތު ނުލިބޭ 18، 19 ކުޅުންތެރިން ޓީމުގައި ހިމެނޭ ކަމަށާއި މާޔޫސްވުން އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި ކްލަބާމެދު ވިސްނަން ބޭނުންވާ ނަމަ، ވިސްނާފަ ޖަވާބެއް އަންގާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

އަލްވަރޭޒް، އެންމެފަހުން ސިޓީ އާއެކު އެއްބަސްވުން އާކުރީ 2023 ވަނަ އަހަރުއެވެ. އެއީ 2028 ވަނަ އަހަރާ ހަމައަށެވެ.