މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދިޔަ، ތަހުގީގާ ގުޅިގެން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވި އެސްކްރޯ އެކައުންޓުން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެއް މިލިއަން ޑޮލަރު ދޫކުރެވޭނީ އޭސީސީއަށް ކަމަށް ބޭންކުން ބުނެފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުނުވާތީ އާއި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެ އެއް މިލިއަން ޑޮލަރު ޖަމާނުކޮށް ހިފެހެއްޓި މައްސަލައިގައި، އެ އެއް މިލިއަން ޑޮލަރު ހޯއްދެއްވުމަށް ޔާމީން ވަނީ އޭސީސީ އާއި ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުއްވުމުން، ދައުވާއަށް ޖަވާބުދާރީވަމުން ބީއެމްއެލްގެ ފަރާތުން ވަނީ ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށްބުނެ އިޖުރާއީ ނުކުތާއެއް ނަގައިފައެވެ. ނަމަވެސް އެ އިޖުރާއީ ނުކުތާ ބަލައިނުގަނެ ސިވިލް ކޯޓުން ނިންމާފައިވަނީ ބީއެމްއެލްއާ ދެކޮޅަށް ޔާމީނަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ.

މިއަދު ހައިކޯޓުގައި ކުރިއަށްދިޔައީ މި މައްސަލައިގެ އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ހައިކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ބީއެމްއެލްގެ ގާނޫނީ ވަކީލު މޫސާ ފާރިޝް އަހުމަދު ވަނީ އިސްތިއުނާފީ ދެ ނުކުތާއެއް ފާހަގަ ކުރައްވައިފައެވެ.

އެއް ނުކުތާއަކީ މައްސަލަ ބަލައިގަނެގެންނުވާނެ ހާލަތެއް ވުޖޫދުވެފައި ވަނިކޮށް އެ މައްސަލަ މައުލުއީގޮތުން ބެލުމަށް ސިވިލްކޯޓުން އިޖުރާއީ ނިންމުމެއް ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާއާ ހިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކަށް ފާހަގަކުރެއްވީ، ސިވިލް ކޯޓުގެ އިޖުރާއީ ނިންމުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާއި، ހައިކޯޓުގެ ގަޒިއްޔާތަކެއްގައި ކަނޑައަޅާފައިވާ އުސޫލުތަކަކާ ހިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެކެވެ.

.

ވަކީލު ވިދާޅުވީ، އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ހިފޭއްޓޭ ފައިސާ، ތަހުގީގު ނިމެންދެން ޖަމާކޮށްފައި ބެހެއްޓުމަށްޓަކައި އޭސީސީގެ ނަމުގައި ބީއެމްއެލްގައި އެކައުންޓެއް ހުޅުވުމަށް، 27 ފެބްރުއަރީ 2018 ގައި ފިނޭންސް މިނިސްޓްރީން ބޭންކަށް ފޮނުވި ސީޓިއަކުން އެދުނު ކަމަށެވެ.

އޭގެފަހުން 26 ފެބްރުއަރީ 2018 ގައި އޭސީސީން ބޭންކަށް ގަރާރެއް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެ ގަރާރުގައި ވެސް އޮންނަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ހިފޭއްޓޭ ފައިސާ ޖަމާކޮށްފައި ބެހެއްޓުމަށްޓަކައި އޭސީސީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވަން، އެގޮތުގެ މަތިން އޭސީސީގެ ނަމުގައި ވާނީ ކަރަންޓް އެކައުންޓެއް ހުޅުވައިފަ، އޭގެ ފަހުން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮތް އެކައުންޓަކަށް އެއް މިިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތޯ ބެލުމަށްޓަކައި އޭސީސީން ހިންގަމުންދިޔަ ތަހުގީގަކާ ގުޅިގެން މި ފައިސާ އޭސީސީގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ޔާމީނާއި އޭސީސީއާ ދެމުދު އެއްބަސްވުމެއްގައި ސޮއިކުރި،"

އޭނާ ވިދާޅުވީ، ޔާމީން ސޮއިކުރެއްވި އެސްކްރޯ އެއްބަސްވުމުގައި ބޭންކަށް އެސްކްރޯ އެޖެންޓެއްގެ ދައުރު ދީފައި ނެތް ކަމަށެވެ. އަދި ޔާމީނާއި އޭސީސީއާ ދެމެދުވި އެއްބަސްވުމުގައި "އެސްކްރޯ" ގެ ލަފުޒު ބޭނުންކުރި ނަމަވެސް އެ މުއާމަލާތް ހިންގީ އެސްކްރޯގެ މުއާމަލާތްތައް ހިންގާ ގޮތަކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން އޭސީސީގެ ނަމުގައި ހުޅުވާފައިވަނީ ކަރަންޓް އެކައުންޓެއް ކަމަށާއި، އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ 10 ޖޫން 2018 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ސިވިލްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، އެ ފައިސާ އަނބުރާ ލިބިގަތުމަށާއި، ގެއްލުމުގެ ބަދަލު ލިބިގަތުމަށް ބޭންކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބޭންކުން ސިވިލް ކޯޓަށް ހުށަހެޅި އިޖުރާއީ އިއުތިރާޒުގައި، އެ މައްސަލައަކީ ހަމައެކަނި އޭސީސީ އާއި ޔާމީނާ ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ލިބެންޖެހޭ ފައިސާއެއް ހޯދަން ކޮށްފައިވާ ދައުވާއެއްކަމަށްވާތީ އެ މުއާމަލާތުގައި ބޭންކުގެ އެއްވެސް ދައުރެއް ނެތްކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބޭންކުގެ މައްޗަށް އެ ދައުވާ ނުުރެވޭނެތީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ދައުވާ ބާތިލުކުރަން އެދިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައިގައި އިސްތިސްނާ ހާލަތެއް އޮތްތޯ ނުވަތަ ނެތްތޯ ދެނެގަނެވޭނީ އެ މައްސަލައިގެ ދައުވާގައި ދިފާއަށް ޖަވާބު ހުށަހަޅާ މަރުހަލާގައި ކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަމަށާއި، އޭގެ މާނައަކީ އެ ހާލަތު އޮތްތޯ ބެލޭނީ މައްސަަލަ މައުލޫއީގޮތުން ބެލިގެން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޑޮލަރު އެކައުންޓަކީ ޖޮއިންޓް އެކައުންޓެއް ނޫން ކަމަށާއި އެއީ ހަމައެކަނި އޭސީސީގެ ނަމުގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓެއް ކަމަށެވެ. އަދި އެ އެކައުންޓަށް ޑޮލަރު ޖަމާކުރުމުގެ އެއްބަސްވުމަކީ ބޭންކުން އޭގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ފައިސާ އަނބުރާ ހަވާލުކުރުމުގެ ބާރަކީ ބޭންކަށް އޮންނާނެ ބާރެއް ނޫން ކަމަށާއި، އެ ފައިސާ އޭސީސީގެ އެކައުންޓަށް ޖަމާކުރާ ހިސާބުން އެއަށް އޮންނާނީ އޭސީސީގެ ފުރިހަމަ ބާރު ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެ ފަރާތެއްގެ އެއްބަސްވުމެއްގެ ދަށުން އެތަނުން އެއް ފަރާތެއްގެ އެކައުންޓަށް ޖަމާކުރާ ފައިސާ ތިންވަނަ ފަރާތެއްގެ ގޮތުގައި ބޭންކަށް ނަގައި ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ފައިސާ ޔާމީނާ ހަވާލުކުރުުގެ ބާރު އޭސީސީއަށް އޮންނާނެ ކަމަށާއި، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އޭސީސީން އަންގައިފިނަމަ އެކަން ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އެފަދަ އިރުޝާދެއް ދިނުމަށް އޭސީސީން އިންކާރުކުރާ ކަމަށާއި، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމަށްވެސް އޭސީސީން އިންކާރުކުރާ ކަމަށެވެ. އަދި އެ ފައިސާ ރައީސް ޔާމީނާ ހަވާލުކުރުމުގެ ހާލަތު ވުޖޫދުގައި އޮތްކަމަށް އޭސީސީން ގަބޫލު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ސިވިލްކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމަކީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވައި އެ މައްސަލައިގައި ބޭންކަކީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނައިގެން ދައުވާ ކުރިއަށް ގެންދެވޭނެ ގާނޫނީ އަދި ޝަރުއީ އެއްވެސް އުސޫލެއް ނެތްކަމަށް ކަނޑައަޅައި، އެ ދައުވާއިން ބޭންކު އޮފް މޯލްޑިވްސް އުނިކުރުމަށް ހައިކޯޓުގައި ވަކީލު ވަނީ އެދިފައެވެ.

އެ ހިސާބުން މި މައްސަލައިގައި އަޑުއެހުމުގެ ވަގުތު ހަމަވެފައިވާތީ އިތުރު ފަރާތަކަށް މިއަދު ވާހަކަދެއްކުމުގެ ފުރުސަތެއް ފަނޑިޔާރު ނުދެއްވިއެވެ.

އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރާ ދުވަސް އަންގަވާނެ ކަމަށެވެ.