ކައިވެނީގެ ނަމުގައި އުމުރުން 13 އަހަރުގެ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްމާއީލް ހައްމާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެ އޭނާ 14 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓަށް މިއަދު ހުކުމްކޮށްފިއެވެ.
ރ. މަޑުއްވަރީގައި ކައިވެނީގެ ނަމުގައި އެ ކުއްޖާއާ ކައިވެނިކޮށް އެ ކުއްޖާ ވިހެއި މައްސަލައެއް ފެންމަތިވީ، ލަނޑާ ނަގަން ގޮސް އުޅެނިކޮށް ދިމާވި ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ. އެ ހަމަނުޖެހުމުގައި ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، 13 އަހަރުގައި ވިހެއި ކުއްޖާގެ ދަރިފުޅުގެ ޑީއެންއޭއާ ހައްމާދުގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްމާދަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންވެ ހައްމާދުގެ މައްޗަށް ދައުވާ ކުރަން 25 ޑިސެމްބަރު 2019 ގައި ކްރިމިނަލް ކޯޓަށް ފޮނުވިއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރުގައި ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ހައްމާދުގެ މައްޗަށް ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ ކްރިމިނަލް ކޯޓުން ހައްމާދަށް އިއްވީ 14 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ހައްމާދު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 9 އަހަރާއި 4 މަހާއި 15 ދުވަހުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު