ސިޔާސީ ހަ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގެ 1.0 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ސިޔާސީ ޕާޓީތައް ހިންގުމަށް ފައިސާ ދޫކުރަންޖެހެއެވެ. އަދި ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށްވެސް އެ ގާނޫނުގައި ބުނެއެވެ.

މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، އެ އަދަދު ހަމަވާ އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، ޕީއެންސީގެ އިތުރުން އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.

ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފުތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން މި އަހަރުގެ ބަޖެޓުން އެމްޑީޕީއަށް ދޫކޮށްފައި ވަނީ 15.1 މިލިއަން ރުފިޔާއެވެ. ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން، އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ ދޫކުރި އިރު، ޕީޕީއެމް އަށް 10.4 މިލިއަން އަދި ސަރުކާރު ހިންގާ ޕީއެންސީއަށް އަށް މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެމްޑީއޭއަށް ދޫކޮށްފައިވަނީ 2.4 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ހަ ޕާޓީއަކަށް ފައިސާ ދޫކުރި އިރު، އީސީގެ ވެބްސައިޓުގައިވާ ގޮތުން އެމްޑީއޭގައި މިހާރު ތިބީ 8،413 މީހުންނެވެ. އަދި އަދާލަތު ޕާޓީގައި ތިބީ 8،628 މީހުންނެވެ.