ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތައް، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީ ދަނޑުގައި ރޭ ކުއާޓާ ފުރަތަމަ ލެގުގައި ބާސާއިން ފަހަތުން އަރައި ޕީއެސްޖީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ރޭ ކުޅުނު އަނެއް މެޗުގައި، އެތުލެޓިކޯއިން އަމިއްލަ ދަނޑުގައި ޑޯޓުމަންޑް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ބާސާ އާއި ޕީއެސްޖީގެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ބްރެޒިލްގެ ވިންގް ރަފީނިއާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި ބޯޅައަކުން އޭނާއަށް ލިބުނު ފުރުސަތެއްގައި ވައްދާލި ގޯލެކެވެ.
އެ ގޯލާއެކު ބާސާ ކުރީގައި އޮވެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވީ ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ޕީއެސްޖީން ރައްދު ދިނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އުސްމާން ޑެމްބޭލޭ ޕީއެސްޖީގެ ފުރަތަމަ ގޯލު ޖަހައިދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން ވިޓީނިއާ ވަނީ ޕީއެސްޖީއަށް ލީޑުވެސް ނަގައިދީފައެވެ.
ބާސާއިން މެޗު އަނބުރާލަން މުހިއްމު ބަދަލުތަކެއް ކޮށްފައިވެއެވެ. ކޯޗު ޒަވީ ވަނީ ޕެޑްރީވެސް ކުޅުމަށް ނެރެ، ބާސާއަށް ހިތްވަރު ހޯދައިދީފައެވެ. ނަތީޖާއެއްގެ ގޮތުން، އޭނާގެ ބޯޅައިން ރަފީނިއާ މެޗު އެއްވަރު ކުރި އިރު، ބާސާ މޮޅުކޮށްދިން ގޯލު ޖެހީ އަންދްރޭއާސް ކްރިސްޓިއަންސަންއެވެ.
ބާސާ އާއި ޕީއެސްޖީ ވާދަކުރާ ދެވަނަ ލެގު ސްޕެއިންގައި އޮންނާނީ މިމަހުގެ 16 ގައެވެ.
އެތުލެޓިކޯއިން ސެމީގެ އުންމީދު ބޮޑުކުރި މެޗުގެ ހަތަރު ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ރޮޑްރީގޯ ޑި ޕައުލްއެވެ. އެ ގޯލަށް އެތުލެޓިކޯއިން ފުރުސަތު ތަނަވަސްކުރީ ޑޯޓުމަންޑް ފަޔަށް ރަނގަޅަށް ޕްރެސްކޮށް، ފަހަތުން ބޯޅަ ހޯދައިގެންނެވެ.
މެޗުގެ ދެވަނަ ގޯލުވެސް އެތުލެޓިކޯއިން ޖެހި އިރު، އެ ގޯލަކީ އެންޓޮއިން ގްރީޒްމަންގެ ޕާހަކުން، ސެމިއުލް ލިނޯ ޖެހި ގޯލެކެވެ. ދެ ގޯލުގެ ލީޑަކާއެއެކު އެތުލެޓިކޯއިން މެޗު ނިންމާލަން ދަނިކޮށް، ޑޯޓުމަންޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ފަރަގު ކުޑަކޮށްފައެވެ. ޑޯޓުމަންޑްގެ ގޯލު ޖަހައިދިނީ ސެބެސްޓިއަން ހެލާއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު