އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ރިޕޯޓު ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ޖަމިއްޔާގެ މީހުންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދިން މީހުންނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މަނިކުފާނު ތާއީދާއެކު ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީއެންއިން އެ ރިޕޯޓު ނެރުނީ ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އިރުގައި ކަމަށެވެ. އަދި އެ މީހުންނަށް ވަޒީފާ ހަމަޖައްސައިދިން އިރުވެސް މަޖިލީހުން އެކަމާ ދެކޮޅަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
"މިހުރީ އަޅުގަނޑުމެން ހަނދާނުން ކައްސާލައިގެން ދިޔަޔަސް ހަގީގަތް. އެހެންވީމާ އެ ފިކުރުގައި ތިބި ބަޔަކަށް، އެހެންވެ ކަންނޭނގެ އެހާވަރަކުން އެ ބޭނުންވަނީ އަނެއްކާވެސް މަޖިލީހުގެ ބާރު ފަސް އަހަރަށް ވެސް އިތުރުކުރަން ވެސް. އެ ފިކުރުގައި ތިބި ބަޔަކަށް އަޅުގަނޑުމެން ޖާގަ ދޭންވީ ވިސްނުމެއް އަޅުގަނޑުމެން ނިކަން ދައްކަވަން އެބަ ޖެހޭނުންތޯ"
ރައީސް ވިދާޅުވީ އެމްޑީއެން ރިޕޯޓު ހެދި މީހުންނަށް ދައުލަތުގެ މަތީ ވަޒީފާތައް ހަމަޖައްސައިދީ ފަސް އަހަރު ވަންދެން މުސާރަ ދިން ސަބަބު އެމްޑީޕީން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އަލުން މަޖިލީހަށް އިންތިހާބު ނުކުރަންވީ އެހެން ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިންނަކީ އިސްލާމް ދީނަށް ނަސްރު ދޭ ބައެއް ކަމަށާއި އިސްލާމްދީނުގެ ވާހަކަ ދައްކަން ދިވެހިން ފަހުރުވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެބަ މަލާތްކުރޭ ފަސް ވަގުތު ނަމާދުކުރަން އަޅުގަނޑު ޕޯޑިއަމަށް އަރާ ގޮވާލާތީވެ،" ރައީސް ވިދާޅުވިއެވެ.
މަޖިލީހަށް އިންތިހާބު ކުރަންވާނީ އިސްލާމްދީނަށް ނަސްރު ދޭނެ ބައެއް ކަމަށާއި އެއީ ގައުމުގެ ހައްގުގައި އަދި ދަރިންގެ މުސްތަގުބަލަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު