ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒް ކޮށްގެން ނޫނީ ކަންތައްތައް ހަމައަކަށް ނޭޅޭނެ ކަމަށް އެ އިދާރާގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެކަމުގެ ޝަކުވާ ފީފާއަށް ހުށަހަޅާފައިވުމާއެކު، ފީފާއާއި އޭއެފްސީގެ ޖޮއިންޓް ސްޓޭޓްމަންޓަކުން މިހާރު އޮތީ އިންތިހާބު މަޑުޖައްސާލަން އަންގައިފައެވެ. އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވަން ހުށަހެޅުއްވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ އެފްއޭއެމްގެ ރައީސް އަދި މެމްބަރު ތޯރިގެވެ. ދެ ކެންޑިޑޭޓުންވެސް ފޯމު ސެޓު ހުށަހެޅި ކަމަށް އެފްއޭއެމްއިން ޔަގީންކޮށްދީފައިވެއެވެ.
އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅޭނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ތެރެއިން ތިން ކްލަބުގެ ތާއީދާއެކުއެވެ. މި ވަގުތު ކްލަބު ވެލެންސިއާ ސަސްޕެންޝަނެއްގައި އޮތުމުން، އެ ކްލަބަށް ވޯޓުލުމުގެ ހައްގެއް ނެތެވެ. އެހެންކަމުން ވެލެންސިއާގެ ތާއީދު ހިމަނައިގެން، ކުރިމަތިލާ ކެންޑިޑޭޓަކު، އެ ކްލަބު ނުލައި، ތިން ޓީމެއްގެ ތާއީދު އޮންނަން ޖެހޭނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯރިގު ކެންޑިޑެސީ ހުށަހެޅީ ވެލެންސިއާވެސް ހިމަނައިގެންނެވެ. އަދި އޭނާ ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 11 ކްލަބެއްގެ ސޮއި ހޯދައިފައެވެ. ތޯރިގު 11 ކްލަބެއްގެ ސޮއި ހޯދި ނަމަވެސް، އޭނާއަށް ފުރަތަމަ ޑިވިޝަނުން ތާއީދު ކުރި ކްލަބުތަކުގެ ތެރޭގައި ވެލެންސިއާ ހިމެނިފައި އޮތުމާއެކު، އޭނާ އެ ކްލަބުގެ ސޮއިއަށް ބަރޯސާވާން ޖެހިފައިވާ ކަމަށް ހަބަރު ލިބެއެވެ.
އެހެންކަމުން ތޯރިގުގެ ކެންޑިޑެސީ އަނެއްކާވެސް ބާތިލުވެދާނެ ކަމަށް ބެލެވިފައިވާ އިރު، ވެލެންސިއާ އިން ތުހުމަތު ކުރާ ގޮތުގައި އެ ކްލަބު ސަސްޕެންޑް ކުރީ، އެފްއޭއެމް އިންތިހާބުގެ ކަންކަން ރޭވުމެއްގެ ތެރެއިން ގެންދިއުމަށެވެ. އެފަދަ ކަންތައްތަކެއް ވެލެންސިއާގެ ސަސްޕެންޝަނުން ފެންނަންވެސް އެބަ އޮތެވެ.
އެފްއޭއެމް އިންތިހާބުގެ ދެވަނަ ފަހަރަށް ފީފާއިން ހުއްޓުވާފައިވާ އިރު، އެ ހިސާބަށް ކަންކަން ދާން ޖެހުނު ސަބަބުތައް ތޯރިގުގެ ނަޒަރުގައި އޭނާ ވަނީ ރޭ ހާމަކުރައްވައިފައެވެ. ތޯރިގް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފީފާއިން އިންތިހާބަށް ވަންނަން ޖެހުނީ އެތައް ސަބަބުތަކެއް އެކުވެގެން ކަމަށާއި، މިހާރު އެންމެ ރަނގަޅު ގޮތަކަށް ފެންނަނީ އެފްއޭއެމް ނޯމަލައިޒް ކުރުން ކަމަށެވެ.
- މެންބަރު ކުލަބުތަކަަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލުމަށްފަހު ކޮމިޓީތައް އެކުލަވާލުން.
- އިންތިޚާބުގެ ކުރިން ވެލެންސިއާ ސަސްޕެންޑްކުރުން.
- އެފްއޭއެމްއަށް ލިބުނު ފީފާ ފަންޑް އަމިއްލަ ބޭނުމަށް ބޭނުންކުރި ކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ހިނގަމުން ދިޔުން، އިންތިހާބުގައި ވާދަކުރަނީ ފީފާގެ ހުރިހާ ތުހުމަތަކާއި ތަހުގީގުތަކުގައި ފާހަގަކޮށްފައިވާ އެފްއޭއެމްގެ މިހާރުގެ ރައީސް ކަމުން، އިންތިހާބެއްގައި ވާދަކުރުމުގެ ޝަރުތާމެދު ސުވާލު އުފެދޭ.
ތޯރިގު ވިދާޅުވެފައި ވަނީ ފީފާ ފަންޑިންގެ ތަހުގީގުތަކެއް ކުރިއަށްދާތީ ފީފާއިން މިހާރުވެސް ޑިވެލޮޕްމަންޑް ފަންޑް އެފްއޭއެމަށް ދިނުން ހުއްޓަލިކަން އަންގާފައިވާ ކަމަށެވެ.
މީގެ ކުރިން ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބުގައި ބައްސާމް ވާދަކުރައްވާފައެއް ނުވެއެވެ. ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތެރޭގައި ހުރި ބައްސާމްގެ މައްސަލަ ފުލުހުންވެސް ބަލަމުންދާ އިރު، އޭނާ މިފަހަރު ރައީސް ކަމަށް ނުނުކުންނަން މާ ކުރިންވެސް އޮތީ ނިންމައިފައެވެ. އެހެން ނަމަވެސް، މިހާރު އެ ވިސްނުން ބަދަލުކުރައްވާފައިވަނީ ދާދިފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި އެފަދަ އިޝާރާތެއް ދެއްވުމަށްފަހުއެވެ.
އެފްއޭއެމްއިން މީގެ ކުރިން އަވަސް އަރުވާލައިގެން ބާއްވަން އުޅުނު އިންތިބާހު ހުއްޓުވީ ފީފާއާއި އޭއެފްސީ އަދި ސްޕޯޓްސް ކޮމިޝަނަރުވެސް އެ އިންތިހާބަށް ވަދެގެންނެވެ. އިލެކްޓޯރަލް ކޯޑާ އެއްގޮތަށް، އިންތިހާބާ ބެހޭ ކޮމިޓީތައް އެކުލަވާލައިފައި ނުވާތީ އެފަހަރު އިންތިހާބު ކެންސަލް ކުރީ ތޯރިގު ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ. އެ އިދާރާ އޮތީ މާލީ ބޮޑެތި ގޮންޖެހުންތަކެއްގައެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅަ އެކިއެކި ގޮތްގޮތުން ދަރާފައި އޮތް އިރު، ލީގުތައްވެސް ކުރިއަށް ގެންދެވޭނެ ހާލަތެއް އެފްއޭއެމްގެ ނެތެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް