ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ މިދިޔަ ޖުލައި މަހު ހަވާލުވިފަހުން މިހާތަނަށް ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށާއި، ދެން ކުރިއަށް އޮތީ ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތްވާ ގޮތަށް ފުޓުބޯޅަ ލާމަރުކަޒު ކުރުން ކަމަށް އެފްއޭއެމްގެ ރައީސް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރު މެއި މަހުގެ ތެރޭގައެވެ. ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރުގެ މައިގަނޑު ބޮޑެތި ކަންތައްތަކެއް ބަދަލުވެގެން ގޮސްފައިވާ އިރު، އެސޯސިއޭޝަންތަކުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް، ފެޑަރޭޝަންތަކަށް ބަދަލުކުރުމަށް ޖާގަ ދީފައިވެއެވެ. އޭގެ ސަބަބުން އަތޮޅު ތެރޭގެ ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަން ޖާގަ ދީފައިވާ އިރު، އެފްއޭއެމުން ވަނީ ރީޖަނަލް އެސޯސިއޭޝަންތައް ހަދަން ފާސްކޮށްފައެވެ.

އެފްއޭއެމްގެ 16 ވަނަ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސްތައް ގާއިމުކުރާ ރަށްތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ހއ. ދިއްދޫގައި، ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް އދ. މަހިބަދޫގައި، މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް މާލޭގައި އަދި ސައުތު ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް ލ. ގަމުގައި ގާއިމްކުރަން ނިންމާފައިވެއެވެ. އޭގެ އިތުރުން ބ. އޭދަފުށީގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް އަޅަންވެސް ނިންމާފައިވެއެވެ.

"ފުޓުބޯޅަ އެސޯސިއޭޝަން އޮތް ހާލަތު އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އިންތިހާބުވިފަހުން މިއީ ދެވަނަ ސީޒަން މިހާރު މި ކުރިއަށް ދަނީ. ހާއްސަކޮށް ފާހަކޮށްލަން ކުޅިވަރާ ބެހޭ ގާނޫނަށް ސަރުކާރުން ބަދަލު ގެންނެވުމާއެކު ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑު ބަދަލުކޮށް، ލާމަރުކަޒުކޮށް ފުޓުބޯޅަ ހިންގުމަށްޓަކައި ގާނޫނާ އެއްގޮތަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފަށައިގަންނާނަން. ކުރިއަށް އޮތް އަހަރަކީ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތައް އުފައްދާނެ އަހަރެއް. އެކަން ވަނީ މިހާރު އެކްސްކޯއިން ފާސްވެސް ކޮށްފައި،" ރޭ ކުރިޔަށް ދިޔަ އެފްއޭއެމް އެވޯޑް ހަފުލާގައި ތޯރިގު ވިދާޅުވިއެވެ.

އެފްއޭއެމް އެވޯޑްސް އަލުން ދޭން ނިންމި ސަބަބަކީ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ފުޓުބޯޅަ އާއިލާއަށް އުންމީދު ހޯދައިދިނުން ކަމަށާއި، އެ ހުރިހާ ފަރާތްތަކެއްގެވެސް އަގު ވަޒަން ކުރުމަކީ ފުޓުބޯޅަ ކުރިއެރުވުމަށް މުހިއްމު ކަމެއް ކަންވެސް އެފްއޭއެމްގެ ރައީސް ތޯރިގު ފާހަގަކުރެއްވިއެވެ.

މިފަހަރު އެފްއޭއެމްއިން އެވޯޑު ބާއްވާފައި ވަނީ 8 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.