މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަހުމަދު އައިހަމް (ފަތޯ) އާއި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ޝާލިޔާ ހޮވިއްޖެއެވެ.
އެފްއޭއެމްއިން އަށް އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ އަނެއްކާވެސް އެވޯޑު ހަފުލާ ބާއްވާފައިވާ އިރު، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އައިހަމްއަކީ މިދިޔަ ސީޒަނުގައި މާޒިޔާއާއެކު ލީގު ހޯދުމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އޭގެ އިތުރުން އައިހަމްއަކީ މިވަގުތު ރާއްޖޭގެ ގައުމީ ޓީމުގެވެސް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނު ޝާލިޔާއަކީ އެފްއޭއެމްއިން ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ދެވަނަ ހޯދި އޮޑި ސްޕޯޓްސް ކްލަބުގެ ކުޅުންތެރިއެކެވެ. މިދިޔަ އަހަރު އަންހެން ފުޓުބޯޅަ މުބާރާތް އެފްއޭއެމްއިން ބާއްވާފައި ވަނީ ކްލަބުތަކަށް އަމާޒުކޮށްގެންނެވެ. އެއީ 2014 ވަނަ އަހަރަށްފަހު އަންހެން އެންމެ މަތީ ފަންތީގައި އަންހެން މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މިރޭގެ އެވޯޑު ހަފުލާގައި އިތުރު އެވޯޑުތައްވެސް ދީފައިވާ އިރު، އެންމެ ޒުވާން ކުޅުންތެރިޔަކީ މާޒިޔާގެ މުހައްމަދު އިލާން އިމްރާނެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލަކަށް ހޮވުނީ ހުސައިން ނިޔާޒް (ބޮކުރީ) ޖަހައިދިން ގޯލެވެ. ރާއްޖޭގެ އެންމެ މޮޅު ކްލަބުތައް ހޮވަން މިފަހަރު ނިންމާފައި އޮތީ ދެ ކެޓަގަރީއަކަށެވެ. އެއީ އެންމެ މޮޅު ރީޖަނަލް ކްލަބު ވަކި ކެޓަގަރީއެއްގައެވެ. އެފްއޭއެމް އެވޯޑްސްގައި މިރޭ ހޮވި އެންމެ މޮޅު ރީޖަނަލް ކްލަބަކީ މާލޭ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ. އަދި އެންމެ މޮޅު ކްލަބުގެ އެވޯޑު ދެން ލިބުނީ މާޒިޔާއަށެވެ.
ރާއްޖޭގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ގޮމޭޒް ޑަ ސިލްވާއެވެ. މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުން އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ޑަ ސިލްވާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަލީ ފާސިރު ސެންޓޭ މިދިޔަ ސީޒަނުގައި 22 ގޯލް ޖަހައިގެން ރަން ބޫޓު ހޯދިއެވެ.
ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިހާރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔަކަށްވެސް މިދިޔަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ހަމްޕު ހޮވުނު އިރު، ދެވަނައަށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ރަން ބޫޓު ހޯދި ސެންޓޭއެވެ. އެންމެ މޮޅު ކީޕަރުގެ ރަން އަންގި ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މުހައްމަދު ފައިސަލްއެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގައި ހުރި ކޯޗު، ލުއިސްމާ ހެނާންޑޭޒްއެވެ.
މިރޭގެ އިވެންޓްގައި ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުޓްސަލް ޓީމަށާއި، ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ޓީމުތަކުގެ އަގު ވަޒަންކޮށް، ހާއްސަ ޓޮކެންއެއް ދީފައެވެ.
އެފްއޭއެމް އެވޯޑްސް
އެފްއޭއެމް އެވޯޑްސް
އެފްއޭއެމް އެވޯޑްސް
އެފްއޭއެމް އެވޯޑްސް
ކޮމެންޓް