މިފަހަރު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ސައުތު ރީގަން ލީގުގެ ޗެމްޕިއަން ގައްދޫ ރެކްރިއޭޝަން ކްލަބަށް ތަފާތު ޗެލެންޖްތަކެއް އެބަހުރި ކަމަށާއި، އެކަންކަމުން އަރައިގަންނަން ކުރެވެން އޮތް މަސައްކަތްތަކެއް ކުރާނެ ކަމަށް ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.

މިފަހަރު ދިވެހި ޕްރިމިއާ ލީގު ފޯމެޓަށް އައި ބަދަލާއެކު ހޯމް އަދި އަވޭވެސް ފެނިގެންދާ އިރު، މިއަދު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަކީ ގައްދޫގެ ދެވަނަ އަވޭ މެޗެވެ. އޭގެ ކުރިން ހޯމް ތިން މެޗުން ގައްދޫ އޮތީ ބަލިވެފައެވެ. އެއީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިން 2-0، ޓީސީ ސްޕޯޓްސް ކްލަބު ަކއިރިން 4-2 އަދި ކްލަބު އީގަލްސް ކައިރިން 2-0 އިންނެވެ. އޭގެފަހުން އޮޑި ސްޕޯޓްސް ކްލަބު ކައިރިން ބަލިވީ 2-0 އިންނެވެ.

"ގައްދޫ ޓީމު އޮތީ ހަމަ ފެށިއިރުވެސް އޮތް ވަރަށް ތައްޔާރުވެފައި. ދެން ފައިސާއަށް ބެލިޔަސް، ގައްދޫ ޓީމުގެ ބަޖެޓަކީ ބޮޑެތި ޓީމުތަކުގެ ބަޖެޓާ އެއްވަރު ބަޖެޓެއް ނޫން. މާލެއިން 10،000 ރުފިޔާއަށް ކުޅޭ ކުޅުންތެރިއެއް ގެންދަންޏާވެސް އެބަ އަރާ 25،000. އެއީ ރަށަކަށް ގެންދާ ކަމަށް ވަންޏާ. ގައްދޫ ޓީމަށް ބޮޑަށް ބޭނުންވީ، ފަހަތަށް ބިދޭސީ ކުޅުންތެރިން. އެއީ އެކަން އޮތް ގޮތް. ގައްދޫގައި މިތިބީ ދެ ސެންޓަ ބެކުންނާއި ކީޕަރުވެސް ބިދޭސީން. އެހެންވީމަ އެހެން ޓީމުތަކުގައިވާހެން ކުރިއަށް ކުޅުވަން ބިދޭސީ ކުޅުންތެރިން ގެނެވޭކަށް ނެތް. އެ ތަފާތު އެ ފެންނަނީ،" ނަޒީހު ފާހަގަކުރިއެވެ.

"ތަނަށް ގޮސް ބަލާލީމަ އެނގޭނީ އެތާނގެ ހާލަތު. ތަނަށް ގޮސް ބަލާލީމަ އެނގޭނީ އެކަންކަން. މިސާލަކަށް ކުރިން ކުޅެފައި ތިބި ކުޅުންތެރިން މިކަމަށް ނުކުމެ ކުޅޭއިރު މިތިބެނީ 35 އަހަރުވެފައި. އެހެންވީމަ މި އިންޓެންސިޓީގައި މެޗުތައް ކުޅެން އެންމެ އެކަށީގެންވާ އުމުރެއް ނޫން އެއީ،" ހުރި ޗެލެންޖްތަކުގެ ވާހަކަ ދައްކަމުން ޕްރި މެޗުގައި ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ އުންމީދުގައި ކަމަށެވެ. އެގޮތުން އެންމެފަހުން މެޗުގައި ބުރު ސްޕޯޓްސް ކްލަބު ކައިރިން ބިސް ބުރު މޮޅުވީ ނަސީބަކުން ނޫން ކަމަށާއި، ބިސް ބުރުން ރަނގަޅަށް ކަންތައްތަކެއް ކޮށްގެން ކަމަށް ނަޒީހު ފާހަގަކުރިއެވެ. ނަޒީހު ބުނީ ލީގުގެ ފުލުގައި މި އޮންނަ ހަތަރު ވަރަކަށް ޓީމަކީ ދާދި އެއްވަރުގެ ޓީމުތަކެއް ކަމަށާއި، މޮޅުވާނީ އެޓީމެއްގެ ރަނގަޅު ދުވަހެއްގައި ކަމަށެވެ.

އޭގެ އިތުރުން ތަޖުރިބާކާރު ކޯޗު ނަޒީހު ބުނީ ގައްދޫން ކުރިއެރުންތަކެއް ލިބޭ ނަމަވެސް، ނަތީޖާ ނެރުމުން ނޫނީ ހަގީގީ މަންޒަރު ނުފެންނާނެ ކަމަށެވެ. އަދި އެހެން ޓީމުތަކަށްވުރެ ލަހުން ކުރިއެރުން ފެންނަނީ ލޯކަލް ކުޅުންތެރިންގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ނެތުމުން ކަމަށް ނަޒީހު ފާހަގަކުރިއެވެ.

ނަޒީހު ބުނީ އަބަދުވެސް ޓީމުތަކާއެކު ނުކުންނަނީ ޕްލޭނެއް އޮވެގެން، ހިސާބު ޖަހައިގެން ކަމަށެވެ. އަދި ހާއްސަކޮށް ލީގުގެ ފުރަތަމަ ބުރެއްގައި ހަ ޕޮއިންޓް ނުލިބި އޮވެއްޖެނަމަ އެއީ ސަލާމަތްވާން އުނދަގޫ ހާލަތަކަށްވާނެ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އެކަން ކުރަން މެޗުން މޮޅުވުން އެއީ މުހިއްމު ކަމެއް ކަމަށްވެސް ނަޒީހު ފާހަގަކުރިއެވެ. ނަޒީހު ބުނީ ބުރާއި ބިސް ބުރުގެ ދިއްދޫ ކައިރިންވެސް ޕޮއިންޓް ހޯދުން އެއީ އަމާޒެއް ކަމަށާއި، ދެން ވިކްޓްރީއާއި މާޒިޔާ މެޗު ނޫނިއްޔާ، އަނެއް މެޗުތަކުންވެސް ޕޮއިންޓެއް ހޯދިދާނެ ކަމަށް ނަޒީހު ފާހަގަކުރިއެވެ.

އެހެން ބުނުމާއެކު ނަޒީހު ވަނީ ދިއްދޫގެ ނަތީޖާތައް ފާހަގަކޮށް، އެކަމަށް ތައުރީފުވެސް ކޮށްފައެވެ.

ޑިފެންޑަރު މަދުވުމަކީ ކަންބޮޑުވުމެއް

އިއްޔެގެ ޕްރެސްގައި ނަޒީހު ފާހަގަކުރި އަނެއް ވާހަކައަކީ ދާދިފަހުން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، އިސްތަވާން އުރުބާނީވެސް ފާހަގަކުރި ޕޮއިންޓެކެވެ. ރާއްޖޭގެ ޑިފެންޑަރުން ލީގުގައި މަދުވުމެވެ. މުޅި ލީގުގައި ކުޅޭ ގިނަ ޓީމުތަކަކުން ބިދޭސީ ޑިފެންޑަރުންނަށް ބަރޯސާވެފައި އޮންނަކަން ނަޒީހުވެސް ފާހަގަކުރި އިރު، އޭނާ ބުނީ އެހެން އެކަން ވާން ޖެހެނީ ކުރިއަރަމުން އަންނަ އުމުރުގައި ބައެއް ކަންކަން އަތުން ކައްސާލާތީ ކަމަށެވެ.

"ގާތްގަނޑަކަށް މީގެ 15 ވަރަކަށް އަހަރު ދުވަސްކުރިންވެސް މި އަންނަނީ އެ ކަންބޮޑުވުމުގެ ވާހަކަ ދައްކަމުން. ބެލެނިވެރިންވެސް ބޭނުން ވަނީ ކޮންމެ ކުއްޖަކު ކްރިސްޓިއާނޯ ރޮނާލްޑޯއަކަށް ނޫނީ މެސީއަކަށް ހަދަން. އެހެންވެއްޖެއްޔާ ޑިފެންޑަރުން އުފެދުން ދަތިކަމަކަށްވާނެ. މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު އަބަދުވެސް ބާރަށް ކިޔާ ނަންތަކުގެ ތެރޭގައި ހިމެނޭނީ ރަނގަޅު ޑިފެންޑަރުންގެ ނަންތައް. މިސާލަކަށް ކައްޕި ނޫނީ ދޮން ބިލެތް ކަހަލަ ނަންތައް އައީ،" ނަޒީހު ފާހަގަކުރިއެވެ.

ނަޒީހު ބުނީ ޓީމެއް ބިނާވަނީ ގޯލް ޖަހާ މީހާއަށް އެކަނި ނޫން ކަމަށާއި، އެކަން ބެލެނިވެރިންވެސް ދަންނަންވާނެ ކަމަށެވެ. އަދި ބައެއް ކޯޗުންގެ ފަރާތުންވެސް ކުޅުންތެރިން އޮފް ޕޮސިޝަނަށް ކުޅުވައިގެން ކެރިއަރު ނިމިގެންދާތަންވެސް ބައެއް ފަހަރު ފެންނަ ކަމަށް ނަޒީހު ބުންޏެވެ. އަދި ހާއްސަކޮށް ހަމަ ޑިފެންޑަރުން ޑެވަލޮޕް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ކޯޗު ނަޒީހު ބުންޏެވެ. ކޯޗު ނަޒީހު ފާހަގަކުރީ ޑެވަލޮޕްމެންޓް ފޭސްގައި ކުޅުންތެރިން އަމިއްލައަށް ބުނި ނަމަވެސް، ކުދިންގެ ފަރާތުން ފެންނަ ހުނަރަށް ބަލައި، ވަކި މަގާމުތަކަކަށް ކުޅުވަން ޖެހޭ ކަމަށެވެ.