މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރޭ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގަތް މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން ބުނެފިއެވެ.

އެ ދެ މައްސަލައިގައި ޖަލު ބަންދުގައި ހުންނަވަނިކޮށް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ގޭ ބަންދަށް ބަދަލުކުރެއްވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވުމާއި މީޑިއާއާ ވާހަކަ ނުދެއްކެވުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ކަސްރަތު ކުރެއްވުމަށް ބޭރަށް ނުކުމެ އުޅުއްވަން ލުއިތަކެއް ކަރެކްޝަނު ވަނީ ޔާމީނަށް ދީފައެވެ.

ޔާމީންގެ އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފަރާތުން މިއަހަރުގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާއްވާ ކެންޑިޑޭޓު އަހްމަދު ލަތީފްގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޖަލްސާ ބާއްވާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަމިނަތު ޔުސްރީން "ވަން" އަށް މިރޭ ވިދާޅުވީ ޔާމީން ކެމްޕޭން ޖަލްސާގައި ބައިވެރިވަޑައިގަތް މައްސަލަ ކަރެކްޝަކުން ބަލަމުންދާ ކަމަށެވެ.

ރޭގެ ޖަލްސާގައި ޔާމީން އެއްވެސް ވަރަކަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ. ނަމަވެސް އެ މަނިކުފާނު ވަނީ ޕީއެންއެފް އޮފީހުގައި ކޮންމެ ރެއަކުހެން ބާއްވަމުން ދިޔަ ޖަލްސާތަކުގައި ވާހަކަ ދައްކަވައިފައެވެ.

ޔޫސްރީން ވިދާޅުވީ އެ މައްސަލަތައް ވެސް އަދިވެސް ދަނީ ބަލަމުން ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އަދި ފޯރުކޮށްދެވެން ނެތް ކަމަށެވެ.

ކަރެކްޝަން އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކުގެ ސަބަބުން ސިޔާސީ މަސައްކަތް ކުރުމަށާއި ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފް އުފައްދަން ޖެހުނު ސަބަބު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ސާފުކޮށް ދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާތައް ޔާމީން ގެންދަވަނީ ކުރައްވަމުންނެވެ.