މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ޖާގަތައް ޕީއެސްޖީއާއި ބަޔާން މިއުނިކުން ހޯދައިފިއެވެ.
ރޭ ގަދަ 16 ގެ ދެވަނަ ލެގުތަކަށް ބަޔާނާއި ޕީއެސްޖީން ނުކުތް އިރު، ބަޔާން އޮތީ ފުރަތަމަ ލެގުގައި ލާޒިއޯ ކައިރިން 1-0 އިން ބަލިވެފައެވެ. އެހެން ނަމަވެސް، ރޭ 3-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ ބަޔާން ގަދަ 16 އަށް ދަތުރުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެފައި އޮތް އިރު، ރޭ ރެއާލް ސޮސިއެދާދު ދަނޑުގައި މޮޅުވީ 2-1 އިންނެވެ.
ރޭ ޕީއެސްޖީން މެޗަށް ނުކުތްއިރުވެސް ގިނަ ބައެއްގެ ލޯތައް އެޓީމުގެ ފްރާންސް ފޯވަޑް، ކިލިއަން އެމްބާޕޭއަށް ވަނީ އަމާޒުވެފައެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެމްބާޕޭ ވަނީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާނު ކޮށްފައެވެ. އެ ނިންމުމާއެކު ލީގު މެޗުތަކުގައި އެމްބާޕޭ ބޭނުންކުރުން ކޯޗު ލުއިސް އެންރީކޭ މަދުކޮށްފައިވާ އިރު، އޭނާ ބުނީ އެމްބާޕޭއާ ނުލައި ކުޅެން ޕީއެސްޖީން ދަސްކުރަން ޖެހޭ ކަމަށެވެ.
އެމްބާޕޭ، ރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނެވެ. އުސްމާޑް ޑެމްބޭލޭގެ ޕާހަކަށް ކުރިއަށް އަރައި، ޑިފެންޑަރު ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އެމްބާޕޭ ލީޑު ނެގި އިރު، އެ ބޯޅަ ޖެހިލަތް ބާރުކަމުން ދާގަނޑުވެސް ނައްޓައިލިއެވެ.
މެޗުގައި އެމްބާޕޭ ޖެހި ދެވަނަ ގޯލު، ދެވަނަ ހާފުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޭ ކޭންގް-އިން އެވެ. މެޗުގައި ސޮސިއެދާދުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަމަނޯލް އަލްގުއަސީލެވެ.
ރޭ ބަޔާނުން ލާޒިއޯ ބަލިކުރި މެޗުގައި ވިދާލީ ހެރީ ކޭންއެވެ. މެޗުގައި ކޭން ދެ ގޯލު ޖެހި އިރު، މި ސީޒަނުގައި ބަޔާނަށް ކުޅުނު 33 މެޗުން 33 ގޯލު އޭނާ ޖަހާފައިވެއެވެ. ހާއްސަކޮށް ބަޔާން ދަނޑުގައި ކުޅުނު 17 މެޗެއްގައި ކޭން ވަނީ 22 ގޯލު ޖަހައިދީފައެވެ. ބަޔާނަށް މެޗުގައި އަނެއް ގޯލު ޖަހައިދިނީ ކްލަބު ލެޖެންޑް ތޯމަސް މުލާއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު