ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. ސަޕޯޓަރުންގެ ރަށުވަންތަ، އަތޮޅު ވަންތަ ޖޯޝާއި ރޫހުން އެކަން ސާފުވެއެވެ. ކުޅުންތެރިން މުބާރާތަށް ވާ ތައްޔާރީތަކުންވެސް އެކަން އެނގި ހާމަވެއެވެ. މިރޭ އޮންނަ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލްގެ ހައިބަތު ބޮޑުވަނީ އެހެންވެގެންނެވެ. އެ ސެމީ ދެމެޗަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި ފައިނަލަށް ދާން އޮތް ހަމައެކަނި މަގެވެ، އެ ޕްރެޝަރު އެއްވެސް ޓީމަކުން ކަނޑުވައެއް ނުލެވޭނެއެވެ. ވަކި ބަޔަކަށް ފެވަރިޓުންނެއްވެސް ނުކިޔޭނެއެވެ.

ޓީމެއްގެ ރޫހުގައި، ޓީމެއްގެ ގޮތުގައި ކުޅެގެން ނޫނީ ރާއްޖޭގެ އެންމެ މޮޅު ހަތަރު ފުޓްސަލް ޓީމުގެ ތެރޭގައި ހިމެނުމަކީ ނާދިރު ކަމެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލާ ހަމައަށް އަންނަ ކޮންމެ ޓީމަކީވެސް ނުރައްކާތެރި ޓީމެއްގެ ގޮތުގައި ބަލަން ޖެހޭނެ ޓީމެކެވެ. ހުރިހާ ހާލަތަކަށްވެސް ތައްޔާރުވެފައި އޮންނާނެވެސް ޓީމެވެ. އެއީ ސެމީ މެޗުތައް ފޯރިގަދަވާނެ އެއް ސަބަބެވެ.

ލ. ގަމުން މިފަހަރުގެ މުބާރާތަށް ނުކުތީ ތަށި ދިފާއުކުރުމަށެވެ. އެކަން ކުރުމަށް މިހާތަނަށް އެެޓީމުން ދައްކަމުން އަންނަނީ ޓެކްޓިކަލީ ޑިސިޕްލިންޑް ކުޅުމެކެވެ. ކުރީ ފަހަރަށްވުރެވެސް ބޮޑަށް މިފަހަރުގެ މުބާރާތް ވާދަވެރިކޮށް ފެންނަމުންދާ އިރު، ގަމަށްވެސް ވަނީ ޗެލެންޖިން މެޗުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގަދަ 16 ގައި ހދ، ނައިވާދޫ ކައިރިން އަދި ކުއާޓާ ފައިނަލްގައި އއ. މަތިވެރި ކައިރިންވެސް ގަމުން މޮޅުވީ ޕެނަލްޓީގައެވެ. ޕެނަލްޓީގައި ކީޕަރު އަހުމަދު ހުޝާމް ތަފާތު ދައްކަމުންދާ އިރު، ޕެނަލްޓީގެ ކާމިޔާބީތަކުން ދައްކައިދެނީ ޓީމުގެ ތައްޔާރީތަކެވެ.

ތަރިންގެ ވާހަކަ މިހާ ހިސާބުން އަލުން ދައްކާކަށް ނުޖެހޭނެއެވެ. ވިލިމާލެއަކީވެސް ރާއްޖޭގެ ފުޓްސަލްގައި ވިދުން ގަދަ ތަރިންތަކެއް ހިމެނޭ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީއަށް މުޅިން އާ ޓީމެކެވެ. ގަދަ 16 ގައި ޕެނަލްޓީގެ ތަފާތު އެޓީމުން ފެނިގެން ދިޔަ އިރު، ކުއާޓާގައި އައްޑޫ ސިޓީގެ ހިތަދޫ ބަލިކުރީ އެންމެ ގޯލަކުންނެވެ. އެ މުހިއްމު ގޯލު ޖަހައިދިނީ ޓީމުގެ ތަރި އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. ވިލިމާލެ އޮންނާނީ ޗެމްޕިއަނުން ކަޓުވާލުމުގެ ޝަރަފަށް ފެން ބޮވައިގެންފައެވެ.

ގާފަރަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށްވެސް، ފައިނަލަށްވެސް އާ ނަމެއް ނޫނެވެ. ފުޓްސަލްގެ އެތައް ތަރިންނަކާއެކު އެޓީމަށް ހާސިލް ނުކުރެވި އޮތީ އެންމެ ކަމެކެވެ. އެއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާއެކު ރަށަށް ތަށި ހޯދައި ނުދެވުނެވެ. އެކަމަށް ޓީމު އޮތީ ކެތްމަދުވެފައެވެ. ރަށުގެ އާބާދީ އެއްކޮށްވެސް އޮތީ އެ އުންމީދު ހާސިލް ކުރުމަށެވެ. އެކަން ނުވެ ނިމިގެންދާ ކޮންމެ މުބާރާތެއްވެސް މާޔޫސްކަމަށްވާނެ އިރު، ތަށި ހޯދަން އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅަށް މިރޭ ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ.

ގާފަރުގެ މުޅި ސްކޮޑުވެސް ތަފާތު މޮޅުކޮށް ފާހަގަކުރެވިގެންދާ އިރު، އެޓީމަށް ގަދަ 16 އިން ފެށިގެން ސެމީއާ ހަމައަށް ކުރި ނޮކްއައުޓް ސްޓޭޖުގެ ދަތުރުގައި ޕެނަލްޓީގައި ތަފާތު ދެއްކިއެވެ. އެ ތަފާތު ދެއްކީ ބަދަލަކަށް ނުކުންނަ ގޯލްކީޕަރު މުހައްމަދު ސަމްއާނެވެ. ސަމްއާނުގެ ޕެނަލްޓީ މަތަކުރުމުގެ ހުނަރަށް ތައުރީފް އޮހެމުންދާ އިރު، ގާފަރުން ހުރިހާ ގޮތަކުންވެސް މެޗަށް ތައްޔާރުވެފައި އޮންނާނެކަން ޔަގީނެވެ. އެޓީމުން ސެމީ ޖާގަ ޔަގީންކުރީ ކުއާޓާގައި ދ. ކުޑަހުވަދޫ ބަލިކޮށްފައެވެ. މިއީ 2022 ވަނަ އަހަރު ފަހުން ގާފަރު ސެމީ ކުޅޭ ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން ނުކުންނަ އޭދަފުއްޓަށް މިއީ ކާމިޔާބު މުބާރާތެކެވެ. މިފަހަރު ރަށުގެ ފުރަތަމަ ޑިވިޝަނުގެ ތަރިންނާއެކު އޭދަފުށިން ސީދާ ތަށްޓަށް ނުކުން އިރު، އެޓީމުން ސާބިތުކޮށްދެނީ ރަށުގެ ފުޓުބޯޅަ، އަދި ފުޓްސަލްގެވެސް ފެންވަރެވެ. އިޝާން އިބްރާހީމް (ސައްޓު) އާއި ހައިޝަމް ހަސަން (ބިޑި) ފަދަ ކުޅުންތެރިންނާއެކު އޭދަފުށި ފޯމުގައި އޮތް އިރު، އެޓީމުން ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ތ. ތިމަރަފުށިވެސް ކަޓުވާލިއެވެ.

މިރޭގެ ސެމީ މެޗުތައް ތަފާތު ވަރުގަދަ ވާނެއެވެ. 129 ޓީމަކުން ވާދަކުރަމުންދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި މިހާތަނަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ މިރޭގެ ސެމީ ދެމެޗާއި ފައިނަލް މެޗެވެ. ސެމީން ފެށިގެން ގަޑި ހުއްޓަމުން ކުޅެމުންދާ އިރު، ޓީމުގެ ބުންވަރާއި ހިތްވަރު ފެންނާނެއެވެ. އެ އަގުވަޒަން ކޮށްލަން ފުރުސަތުވެސް ލިބޭނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.