މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް ބ. އޭދަފުއްޓާއި ތ. ތިމަރަފުށިން ހޯދައިފިއެވެ.

މުބާރާތުގެ ގަދަ 16ގެ މެޗުތައް މިރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ކުޅުނު މެޗުތަކުން ޗެމްޕިއަން ލ. ގަމާއި އއ. މަތިވެރި، ސ. ހިތަދޫ އަދި ވިލިމާލޭގެ އިތުރުން ކ. ގާފަރާއި ދ. ކުޑަހުވަދޫވެސް އޮތީ ކުއާޓާ ޔަގީން ކޮށްފައެވެ.

މިރޭ ކުޅުނު ކުއާޓާ ފަހު މެޗުތަކަށް ބަލައިލާ އިރު، މުބާރާތުގެ ތިން ފަހަރުގެ ޗެމްޕިއަން ތިމަރަފުށިން ހއ. އުތީމު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިބްރާހީމް ހަމްދާން (ހަމްދެ) ތިމަރަފުއްޓަށް ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އިބްރާހީމް އަސްވަދު (ގަބޭ) އާއި އާދަމް ނާސިހް (އާދަންނަ) އެވެ. އުތީމުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު އައިހަމްއެވެ.

ބ. އޭދަފުއްޓާއި މާފަންނު ކުޅުނު މެޗު ވާދަވެރިކޮށް ފެނުނު އިރު، އެ މެޗު ޕެނަލްޓީގައި އޭދަފުށިން ކާމިޔާބު ކުރީ 5-7 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން އެއްވަރުވެފައި އޮތް އިރު، މެޗުގައި ފުރަތަމަ އޭދަފުށިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެއީ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުތަކުންނެވެ. އޭގެ ފަހުން މާފަނުންގެ ހުސައިން ސުހައިލް ގޯލު ޖަހައި ހިތްވަރެއް ހޯދައިން އިރު، އޭދަފުށީގެ ތިންވަނަ ގޯލު ޖަހައި އެޓީމު ހަމަޖައްސާލަދިނީ ނިޝާމް މުހައްމަދު ރަޝީދެވެ.

މެޗުގެ ފަހު މިނެޓު ކޮޅާ ހަމައަށް ދިޔައިރުވެސް އޭދަފުށި ލީޑުގައި އޮއްވައި މާފަންނުން އެއްވަރު ކުރީ ސުހައިލްގެ އިތުރު ދެ ގޯލާއެކުގައެވެ. ސުހައިލް މެޗުގައި ހެޓްރިކް ހެދި އިރު، ޕެނަލްޓީގައި މާފަންނަށް ދިމާވީ މާޔޫސްކަމެވެ. އެޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަސަން ޝިފާޒް (ޑުންގާ) އަދި ޔޫޝައު ބިން އަލީ ނަޝީދެވެ.

އޭދަފުށީގެ ސެންޓޭއާއި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)ގެ އިތުރުން ހައިޝަމް ހަސަން (ބިޑި) އަދި މުހައްމަދު ފާސިރު ޕެނަލްޓީ ކާމިޔާބު ކުރިއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.