މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކުއާޓާ ފައިނަލުން ދ. ކުޑަހުވަދުއާއި ކ. ގާފަރުވެސް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16ގެ މެޗުތައް މިރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ކުޅުނު މެޗުތަކުން ޗެމްޕިއަން ލ. ގަމާއި އއ. މަތިވެރި، ސ. ހިތަދޫ އަދި ވިލިމާލެއިންވެސް އޮތީ ކުއާޓާގެ ފުރުސަތު ހޯދައިފައެވެ.
މިދިޔަ އަހަރުގެ ސެމީ ފައިނަލުގައިވެސް ކުޅުނު ދ. ކުޑަހުވަދޫން މިރޭ ކުއާޓާ ޔަގީންކުރީ ނ. ކެނދިކުޅުދޫ 4-0 ގެ ބޮޑު ފަރަގަކުން ބަލިކޮށްފައެވެ. މެޗުގައި ކުޑަހުވަދޫގެ އަބްދުލް މުގުސިތު ދެ ގޯލު ޖެހި އިރު، އޭނާއަކީ މެޗުގެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. އެޓީމުގެ އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލު ކެނދިކުޅުދޫގެ އަލީ ބުޝްރީ އަތުން ބައިކޮޅަށް ވަން އިރު، އަނެއް ގޯލު ޖެހީ ހުސައިން އިފްހާމެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ގާފަރުން ކުއާޓާ ޔަގީންކުރީ ޕެނަލްޓީގައި ފުވައްމުލަކުގެ ދަނޑިމަގު 5-3 އިން ބަލިކޮށްގެންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، ގާފަރަށް ގޯލު ޖަހައިދިނީ ޝަނާން ރަޝީދެވެ. ދަނޑިމަގަށް މެޗުގައި މުހައްމަދު ސާދު ނިޒާރު ގޯލު ޖަހައިދިން އިރު، ޕެނަލްޓީއަށް މިރޭވެސް ގާފަރުން ވަނީ ކީޕަރު ބަދަލުކޮށްފައެވެ.
ޕެނަލްޓީއަށް ނެރުނީ ބަދަލު ގޯލްކީޕަރު މުހައްމަދު ސަމްއާނެވެ. އޭނާ ދެ ސޭވް ކުރި އިރު، ދަނޑިމަގަށް ޕެނަލްޓީ ވައްދައިދިނީ މޫސާ އަޒީމް ހަސަނާއި އަހުމަދު ނަބީލެވެ. ގާފަރުގެ ސާމިން މުހައްމަދު ނާސިރާއި އިބްރާހީމް ރިމާހް، އަޒްޔާން އިބްރާހީމް އަދި އަލީ މާއިސް (މައްޓު) ވެސް ޕެނަލްޓީ ވެއްދިއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް