މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ޗެމްޕިއަންކަން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި ހއ. އުތީމު، ސ. ހިތަދޫ އަދި ރ. ދުވާރުންވެސް ހޯދައިފިއެވެ.

ޒޯން ބުރުގެ ކުޅުން ރޭ ނިމިފައިވާ އިރު، ރޭ ކުޅުނީ ޒޯން އެކަކާއި، ޒޯން ދޭއްގެ އިތުރުން ޒޯން ހައެއް އަދި ހަތެއްގެ ފައިނަލްތަކެވެ. އެއީ ޒޯން ބުރުގެ ފަހު ފައިނަލްތަކެވެ. ރޭގެ ކުރިން ޒޯން ޗެމްޕިއަންކަން ހޯދާފައި އޮތީ ކ. ގާފަރާއި ދ. ކުޑަހުވަދޫގެ އިތުރުން މާފަންނާއި އއ. މަތިވެރިއެވެ.

ރޭ ފުރަތަމަ ކުޅުނީ ޒޯން ހައެއްގެ ފައިނަލެވެ. އެ ފައިނަލުގައި ގަން ނުކުތީ ތ. އަތޮޅުގެ ޗެމްޕިއަން ތިމަރަފުއްޓާ ދެކޮޅަށެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އަބްދުﷲ ޖުނައިދު (ޖޭނޭ) ގޯލު ޖަހައި ގަމަށް ލީޑު ނަގައިދިން އިރު، ހާފު ނިމުމުގެ ކުރިން މެޗުގެ 13 ވަނަ މިނެޓުގައި އާދަމް ނާސިހް (އާދަންނާ) ވަނީ ތިމަރަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން މޮޅުވި ގޯލު، ގަމަށް ދެވަނަ ހާފުގައި ޖަހައިދިނީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.

ޒޯން ހައެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީގެ ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ) އެވެ. އެ ޒޯންގެ އެންމެ ގިނަ ގޯލު ޖެހީ އަހުމަދު ހަލީމް (އަންމަޑޭ)އެވެ.

ޒޯން އެކެއްގެ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ހދ. ނައިވާދޫއާއި ހއ. އުތީމު ވާދަކުރި މެޗު ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. އެމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އުތީމު މޮޅުވީ 7-6 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ނައިވާދޫގެ ދެ ގޯލު އަހުމަދު ހަމީދު ޖަހައިދިން އިރު، އުތީމުގެ ގޯލުތައް ޖެހީ މުހައްމަދު ނަބީލާއި މުހައްމަދު ރިޝްމީއެވެ.

ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އެންމެ ގިނަ ގޯލު ޖެހީ ދިއްދޫގެ ހައިސަމް ރަޝީދެވެ.

ޒޯން ހަތެއްގެ ފައިނަަލަށް ރޭ ނުކުތީ މުޅިން އަލަށް މިފަހަރު މުބާރާތުގައި ވާދަކުރާ އައްޑޫ ހިތަދުއާއި ފުވައްމުލަކުގެ ދަޑިމަގެވެ. އެ މެޗު ފަހަތުން އަރައި 4-1 އިން ކާމިޔާބުކުރީ ހިތަދުއެވެ. މެޗުގެ އެއްވަނަ މިނެޓުގައި މުހައްމަދު ސާދު ނިޒާރުގެ ގޯލުން ދަޑިމަގު ލީޑު ނެގި ނަމަވެސް، ފަހު ހާފަށް ނުކުމެ ހިތަދޫން ތަފާތު ދެއްކިއެވެ.

ހަސަން ރާއިފް (ހަންނަ) މެޗުގައި ދެ ގޯލު ޖެހި އިރު، ހާޒިމް ފައުޒީއާއި މުހައްމަދު ސަބާހް މަސްރޫރުވެސް ގޯލުތައް ޖެހިއެވެ.

ޒޯން ހަތެއްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހާޒިމް ފައުޒީއެވެ. އެންމެ ގިނަ ގޯލު ޖެހީ ދަނޑިމަގުގެ އަލީ ޝަމާލް އަބްދުﷲއެވެ.

ރޭ ދުވާފަރުން ޒޯން ދޭއްގެ ތަށި ހޯދީ 4-1 އިން ނ. ކެނދިކުޅުދޫ ބަލިކޮށްގެންނެވެ. ކެނދިކުޅުދޫގެ ގޯލު މުހައްމަދު އައްޒާމް ޖެހި އިރު، ދުވާފަރުގެ ގޯލުތައް ޖެހީ އިސްމާއީލް އީސަ (މެސީ) އާއި އާދަމް އިލްޔަސައު އަދި މުހައްމަދު އިޝާމްއެވެ.

އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދުވާފަރުގެ އިޝާމެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އޭނާއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ ގަދަ 16 މެޗުތައް އޮންނާނީ 27 ވާ އަންގާރަ ދުވަހުގެ ރޭގައެވެ.