މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޒޯން ބުރުގެ ފައިނަލުން އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި، ނ. ކެނދިކުޅުދޫ އަދި ރ. ދުވާފަރުންވެސް ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފޯރިގަދަ ޒޯން ބުރު ނިމުމަކަށް އައިސްފައިވާ އިރު، ރޭ ވަނީ އިތުރު ޒޯން ފައިނަލްތަކެއް ޔަގީންވެފައެވެ. ޒޯން ހައެއްގެ ފަހު ދެމެޗުވެސް ފޯރިގަދަކޮށް ދިޔަ އިރު، ޝީލްޑް މެޗުގައި ވާދަކުރި ގަމާއި، ތ. ތިމަރަފުށި ވަނީ އެ ޒޯނުގައި ރޭ ކުރިމަތިލައިފައެވެ.
މެޗަށް ނުކުތް އިރު ތިމަރަފުއްޓަށް ފައިނަލް ޔަގީންވެފައި އޮތް އިރު، އަމިއްލަ ބާރުގައި ގަމަށް ގަދަ 16 ޔަގީން ކުރެވެން އޮތީ ޕޮއިންޓަކުންނެވެ. ތިމަރަފުށިން ޗެމްޕިއަން ގަން ރޭ ބަލިކުރި އިރު، މެޗުގައި ފުރަތަމަ ގަމަށް ލީޑު ނަގައިދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އެ ގޯލުން ގަން ލީޑު ނެގި ނަމަވެސް، އާދަމް ނާސިހް (އާދަންނާ) އާއި އަބްދުﷲ ޒިޔާން ޖެހި ގޯލުތަކުން ތިމަރަފުށި މޮޅު ހޯދިއެވެ.
ގަމަށް ޒޯން ފައިނަލް ޔަގީންވީ ލ. އިސްދޫން ރޭ ތ. އޮމަދޫ އަތްދަށުވުމުންނެވެ. މެޗުގައި އިސްދޫ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
ޒޯން ދޭއްގެ ކުޅުންވެސް ރޭ ނިމިފައިވާ އިރު، އެ ޒޯނުގެ ފައިނަލަށް އެއްވަނައިގައި ދިޔައީ ނ. ކެނދިކުޅުދޫއެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރ. ދުވާފަރު ފައިނަލަށް ދިޔައީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
ރޭ ކެނދިކުޅުދޫން ށ. ފޭދޫ 6-2 އިން ބަލިކުރި އިރު، އެ މެޗުގައި ކެނދިކުޅުދޫގެ ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު އައްޒާމް ވަނީ ދެ ގޯލު ޖަހައިދީފައެވެ. އަނެއް ގޯލުތައް ޖަހައިދިނީ ސުލައިމާން އަނީސާއި އިބްރާހީމް އަލީމް، މުހައްމަދު ޔަނާލް އަބްދުއް ސައްތާރު އަދި އަލީ ބުޝްރީއެވެ. ފޭދޫގެ ގޯލުތައް މެޗުގައި ޖެހީ މާޒިލް މުހައްމަދާއި މާއިލް މުހައްމަދެވެ.
އެ ޒޯނުގައި ރ. އަތޮޅުގެ ފޯރިގަދަ ކުރިމަތިލުމެއް ފެނުނެވެ. މެޗުގައި ދުވާފަރުން ފައިނަލް ޔަގީންކުރީ ރ. އަލިފުށީގެ މައްޗަށް 5-1 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ދުވާފަރުގެ މުހައްމަދު އިޝާމް ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު އީރާސްއާއި މުސްލިމް މުހައްމަދެވެ. އަލިފުއްޓަށް ގޯލު ޖަހައިދިނީ އަހުމަދު ހުޝާމެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް