މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން ނައިވާދުއާއި ދިއްދޫ، އަލިފުށި އަދި ދުވާފަރުން މޮޅުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން އެކެއްގެ ދެމެޗާއި ޒޯންގެ ދޭއްގެ ދެމެޗުގެ އިތުރުން ޒޯން ހައެއް، އަދި ހަތެއްގެވެސް ދެމެޗެވެ.

ޒޯން އެކެއްގެ ކުޅުން ރޭ ފަށާފައިވާ އިރު، އެ ޒޯނުގައި ޖުމުލަ، ހަތަރު ޓީމެއް ވާދަކުރާނެއެވެ. އެއީ ހއ. އަދި ހދ. އަތޮޅު ފައިނަލަށް ދިޔަ ދެޓީމެވެ. ރޭ ފުރަތަމަ މެޗުގައި އުތީމާ ދެކޮޅަށް ނައިވާދޫ ނުކުތް އިރު، އެ މެޗު ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން ދެން ގޯލު ޖެހީ އަބްދުﷲ ވިސާމާއި މުހައްމަދު ޝާއިނެވެ.

އެ ޒޯނުގައި ރޭ ހއ. ދިއްދޫން ވަނީ ހދ. އަތޮޅުގެ ރަނަރަޕް ނޮޅިވަރަން 5-3 އިން ބަލިކޮށްފައެވެ. މެޗުގައި ދިއްދޫގެ ގޯލުތައް ޖެހީ ހައިސަމް ރަޝީދާއި ފާއިގު އަހުމަދު، ޒުނާމް މުހައްމަދު ޒުހައިރު އަދި މުހައްމަދު ޝަނާއު ނަސީރެވެ. މެޗުގައި ހައިސަމް ވަނީ ދެ ގޯލު ޖަހައިފައެވެ. ނޮޅިވަރަންގެ ދެ ގޯލު މުހައްމަދު އިކްރާމް ޖެހި އިރު، އަނެއް ގޯލު ޖެހީ އަމްދާން އަލީ (އެންޑީ)އެވެ.

ޒޯން ދޭއްގައި ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ފޯމުގައި އޮތް ރ. އަތޮޅުގެ ރަނަރަޕް އަލިފުށިން ރޭ ވަނީ ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމު ބަލިކޮށްފައެވެ. ކަނޑިތީމުގެ ހުސައިން ނިހާލް މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އިސްމާއީލް ނިހާނާއި އިބްރާހީމް ނަދާދެވެ. އަލިފުށީގެ އާދަމް މަންސޫރު މެޗުގައި ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ވިޖުދާނާއި އާދަމް އިމްރާނެވެ.

އެ ޒޯނުގައި ދުވާފަރުން ރޭ އުންމީދު އާކުރި އިރު، އެޓީމުން ށ. ފޭދޫ ބަލިކުރީ 8-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިސްމާއީލް އީސަ (މެސީ) އާއި މުހައްމަދު އިޝާމް، ދެ ކުޅުންތެރިންވެސް ދުވާފަރަށް ހެޓްރިކް ހަދައިދިނެބެ. އަނެއް ދެ ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު ނޫހް އިބްރާހީމެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.