ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ މ. އަތޮޅު ސެމީ ފައިނަލާއި ކ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ޔަގީން ވެއްޖެއެވެ.

ރޭ އަތޮޅު ބުރުގެ އަށް މެޗެއް، ރެހެންދި ޓާފް ދަނޑުތަކުގައި ކުޅެފައިވާ އިރު، އެއީ ކ. އަތޮޅުގެ ފަހު ހަތަރު މެޗާއި، މ. އަތޮޅުގެ ފަހު ހަތަރު މެޗެވެ. ކ. އަތޮޅުގެ ގްރޫޕް އެކެއްގެ އެއްވަނަ ގާފަރުން ހޯދި އިރު، އެ ގްރޫޕްގެ ދެވަނަ ހޯދީ ކާށިދޫއެވެ. އެ އަތޮޅު ސެމީއަށް ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިޔައީ މާފުއްޓެވެ. ދެވަނަ ޓީމަކީ ގުރައިދުއެވެ.

ސެމީގައި މާފުށި ނުކުންނާނީ ކާށިދުއާ ދެކޮޅަށެވެ. ގާފަރުން ނުކުންނާނީ ގުރައިދުއާ ދެކޮޅަށެވެ.

ގާފަރުން ރޭ ކުޅުނު ގްރޫޕް ސްޓޭޖު ފަހު މެޗުގައި 6-0 އިން ހުރާ ބަލިިކުރި އިރު، އެ މެޗުގައި ގާފަރުގެ ޝަނާން ރަޝާދު ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން މެޗުގައި ގޯލުތައް ޖެހީ ނާއިހް މުފީދު، އިބްރާހީމް ރިމާހް، ސަނީމް ޝަމައިލް އަދި އައްޒާމް ނިޔާޒެވެ. އެ ގްރޫޕުގައި ރޭ ކާށިދޫން ސެމީ ޔަގީންކުރީ ހިންމަފުށި ކައިރިން 4-2 އިން މޮޅުވެގެންނެނެވެ.

މެޗުގައި ކާށިދޫގެ އަކްމަލް މުހައްމަދު ދެ ގޯލު ޖެހި އިރު، އެޓީމުގެ އިލްވާން މުހައްމަދުވެސް ގޯލު ޖެހިއެވެ. އަނެއް ގޯލަކީ ހިންމަފުށީ ހުސައިން ނާފިޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހިންމަފުށީގެ ގޯލުތައް ރޭގެ މެޗުގައި ޖެހީ އަތުޝާން އިބްރާހީމާއި ހުސައިން ނާފިޒެވެ.

ކ. އަތޮޅުގެ ގްރޫޕް ދޭއްގައި ގުރައިދޫން 2-1 އިން ގުޅި ބަލިކުރި އިރު، އެ މެޗުގައި ގުރައިދޫގެ ގޯލުތައް ޖެހީ އަހުމަދު ނޫމާނާއި އިޝްއާފް މުހައްމަދު ފިރާގެވެ. ގުޅީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ނަވީނެވެ.

ދިއްފުއްޓާއި މާފުށީގެ ކުރިމަތިލުން ފޯރިގަދަކޮށް ގޮސްފައިވާ އިރު، އެ މެޗު މާފުށިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މާފުށީގެ ހުސައުން ރިފާން މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި އިސްމާއީލް ޒަރީރެވެ. ދިއްފުށީގެ ގޯލުތައް މެޗުގައި ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އާއި ޒައިން ޒަފަރެވެ. މެޗުގައި ރިޒޭ ދެ ގޯލު ޖެހިއެވެ.

މ. އަތޮޅު ދެ ގްރޫޕްގެ ކުޅުންވެސް ރޭ ނިމިފައިވާ އިރު، ގްރޫޕް އޭއިން ސެމީއަށް އެއްވަނައިގައި ދިޔައީ މުލަކެވެ. ދެވަނަ ލިބުނީ މަޑުއްވަރިއަށެވެ. ގްރޫޕް ބީގެ އެއްވަނަ ނާލާފުށި ހޯދި އިރު، ދެވަނައިގައި ސެމީއަށް ދިޔައީ ކޮޅުފުއްޓެވެ.

މުލަކުން އަތޮޅު ސެމީގައި ކޮޅުފުއްޓާ ދެކޮޅަށް ނުކުންނަ އިރު، މަޑުއްވަރީން ނުކުންނަން ޖެހޭނީ ނާލާފުއްޓާ ދެކޮޅަށެވެ.

އެ އަތޮޅުގެ ފަހު މެޗުތަަކަށް ބަލާ އިރު، މުލަކުން ރޭ ވަނީ ރަތްމަންދޫ 6-2 އިން ބަލިކޮށްފައެވެ. މެޗުގައި މުލަކުގެ އަހުމަދު ތޮލާލް ހެޓްރިކް ހެދި އިރު، އަނެއް ގޯލުތައް ޖެހީ އާދަމް ޝަހީމް (އާނާ) އާއި އިމްޖާދު މުހައްމަދު އަދި ޒާހިދު އިބްރާހީމެވެ. ރަތްމަންދޫގެ ގޯލުތައް ޖެހީ އަހުމަދު ޝަކީބާއި މޫސާ ނަސީމެވެ.

މަޑުއްވަރިން ސެމީ ޔަގީންކުރީ ރޭ ވޭވަށާ ކުޅުނު މެޗު 2-2 އިން އެއްވަރު ކޮށްގެންނެވެ. ވޭވަށުގެ ގޯލުތައް އަހުމަދު ޒަޔާން އިސްހާގާއި އިބްރާޙީމް އީމާއު ޖެހި އިރު، މަޑުއްވަރީގެ އެއް ގޯލަކީ އީމާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ އިސްމާއީލް ނާޝިދެވެ.

ކޮޅުފުއްޓާއި ނާލާފުށި ރޭ ގްރޫޕް ބީގައި ފޯރިގަދަ މެޗެއް ކުޅެފައިވާ އިރު، އެ މެޗުން ކޮޅުފުށި މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކޮޅުފުށީގެ ހަމައެކަނި ގޯލު ޖެހީ ނިމާލް ހާލިދެވެ.

އެ އަތޮޅުގެ އަތޮޅު ބުރުން ކެޓި، މުއްޔާއި ދިއްގަރު ރޭ ވާދަކުރި މެޗު، މުލިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެންމެފަހުގެ ޗެމްޕިއަން ދިއްގަރުން މިފަހަރު މުބާރާތް ނިންމާލީ މޮޅެއް ނުހޯދިއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.