ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ލ. އަތޮޅު ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ގަމާއި އިސްދޫ ދަތުރު ކުރި އިރު، ގއ. އަތޮޅުގެ ފައިނަލަށް ގެމަނަފުއްޓާއި ކަނޑުހުޅުދޫ ދަތުރު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ 8 މެޗެއް ކުޅެފައެވެ. އެއީ ޅ. އަތޮޅުގެ ލީގު ބުރުގެ ދެމެޗާއި ފ އަތޮޅާއި ދ އަތޮޅުގެ ފައިނަލްގެ އިތުރުން ލ އަދި ގއ އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތަކެވެ.

ގއ. އަތޮޅު ސެމީގައި ނިލަންދުއާއި ކަނޑުހުޅުދޫ ވާދަކުރި މެޗު ކަނޑުހުޅުދޫން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ކަނޑުހުޅުދޫގެ އަހްނަފް ޒާހިރާއި މުހައްމަދު ޒައިން ނިޔާޒް ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލަކީ ނިލަންދޫގެ މައުފޫޒް އާދަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެ އަތޮޅުގެ އަނެއް ސެމީ މެޗު ފެނުނީ ފޯރިގަދަކޮށެވެ. ދެއްވަދޫއާއި ގެމަނަފުށީގެ ކުރިމަތިލުމުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން ގެމަނަފުށިން ފައިނަލް ޔަގީންކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ދެއްވަދޫގެ ގޯލު ލައްމާން ޒުހައިރު ޖެހި އިރު، ގެމަނަފުށީގެ ގޯލު ޖެހީ އަލީ ޝާޒް ހަބީބެވެ.

ޕެނަލްޓީގައި ގެމަނަފުށިން ވަނީ މުހައްމަދު އިރުޝާމް އަބްދުﷲ އާއި އަހުމަދު ޝާމް، ހުސައިމް ތައިމް އަދި އިބްރާހީމް ސަހާފް އާދަމް ޖެހި ޕެނަލްޓީތައް ކާމިޔާބު ކޮށްފައެވެ. ދެއްވަދުއަށް ކާމިޔާބުވީ ލައްމާން ޖެހި ޕެނަލްޓީ އެކަންޏެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޗެމްޕިއަން ގަމުން އަތޮޅު ފައިނަލް ޔަގީންކުރީ ރޭ 4-0 އިން މާމެންދޫ ބަލިކޮށްގެންނެވެ. ފުރަތަމަ ހާފުގައި މާމެންދޫން ވަރުގަދައަށް ޑިފެންސް ކުރި ނަމަވެސް، ގަން ފެނުނީ މާ ބޮޑަށްވެސް ފެންވަރު ރަނގަޅު ކޮށެވެ.

ގަމުގެ ގޯލުތައް މެޗުގައި ޖެހީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އާއި އަހުމަދު ހަލީމް (އަންމަޑޭ) އެވެ. ކޮންމެ ކުޅުންތެރިޔަކު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އެ އަތޮޅުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މާވަށާ ދެކޮޅަށް އިސްދޫން ނުކުތް އިރު، އިސްދޫން މާވަށް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިސްދޫގެ ގޯލުތައް ޖެހީ ހުސައިން އަފްހާން، އަލީ މީސާގު އީސާ އަދި އަލީ ހުމޭޒެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.