ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ ހައިސިއްޔަތުން ގަތަރުގައި ބާއްވާ ފީފާގެ ބައްދަލުވުމަކަށް ފުރައިގެން ދިއުމަށް އޭނާގެ ޕާސްޕޯޓް ދޫކުރެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުވާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެދިގެން ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓަން ކުރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އަމުރުކޮށްފައެވެ.
ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ބައްސާމް ވަނީ ގަތަރުގައި ބާއްވާ ފީފާގެ ބައްދަލުވުމަކަށް ދިއުމަށް ޕާސްޕޯޓު ދޫކޮށްދިނުމަށް އެދިފައެވެ. ބައްސާމް އެދިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓު ދޫކޮށްދިނުމަށެވެ.
ނަމަވެސް ދައުލަތުން ވަނީ އެކަމާ އިއުތިރާޒު ކޮށްފައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ ފީފާއިން، އެދިފައިވަނީ އެފްއޭއެމް ތަމްސީލުކުރާނެ ފަރާތެއް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކަމަށެވެ.
"އެހެންވުމުން އެފްއޭއެމްގެ ނައިބު ރައީސް، އެފްއޭއެމްގެ މެމްބަރެއް ނޫނީ އެފްއޭމްގެ އެހެން މީހަކަށް އެ ބައްދަލުވުމަށް ދެވިދާނެ. ނުވަތަ ސްޕޯޓްސް ކޮމިޝަނާގެ ފަރާތުން ކަނޑައަޅާ މީހަކަށް ވެސް ދެވެން ހުރީ. ކޮންމެހެން ބައްސާމް ދާކަށް ނުޖެހޭ އެ ބައްދަލުވުމަށް،" ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ، ދައުލަތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުން އަމުރުކުރީ ބައްސާމްގެ ޕާސްޕޯޓް ދޫނުކުރުމަށް ކަމަށެވެ.
ބައްސާމްގެ ފާސްޕޯޓް ހިފަހައްޓާފައިވާ އިރު، އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ ބައްސާމަށް ކަމަށާއި ހެކި ހޯދުމަށްފަހު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދައުވާ ކުރެވޭނެ ކަމަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ.
"ފުލުހުންނާއި އަޅުގަނޑުގެ ތުހުމަތަކީ އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ. ރާއްޖޭގައި އެބަހުރި އެކި ގައުމުތަކުން ފޮނުވާ ފައިސާ ބޭނުންކުރާނެ އުސޫލުތަކެއް، ގާނޫނުތަކެއް ހަދާފަ. ފީފާއިން ފޮނުވާ ފައިސާއަކީ އެފްއޭއެމްއަށް ފޮނުވާ ފައިސާއެއް ނޫން. ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް. އެ އަމާނާތް ވަކި ބަޔަކާ ހަވާލުކޮށްފައި މި އޮންނަނީ. އެ ފައިސާ އެންމެ ރަނގަޅަށް ބޭނުން ކޮށްފައިވޭތޯ މި ބަލަނީ. އެބަހުރި ފެންނަން އެކިއެކި ގޮތްގޮތަށް ފައިސާ ޖަމާކޮށްފައިވާ ތަން،" ޝަމީމް ވިދާޅުވެފައިވެއެވެ.
އެފްއޭއެމްއަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް، ޕީޖީގެ އަމުރަކަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެފްއޭއެމްއަށް ވަނީ އެ އެސޯސިއޭޝަންގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ފުލުހުން ބައެއް މީޑިއާތަކަށް ބުނީ އެފްއޭއެމްއަށް ވަދެ ހޯދި ހޯދުމުގައި އެ އިދާރާގެ ލިޔެކިޔުންތަކުން މައްސަލައަށް ބޭނުންވާ ހެކިތައް ހޯދިފައިވާ ކަމަށާއި އަދި އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ތުހުމަތު ރައްދުވާ، އެފްއޭއެމްގެ ވެރިން ވިދާޅުވެފައިވަނީ އެ ތުހުމަތުތަކަކީ ޒާތީ ތުހުމަތުތަކެއް ކަމަށެވެ. އަދި އެ މައްސަލައިގައި ބުނެފައިވާ އެއްވެސް ކަމެއް އެފްއޭއެމްއިން ނުހިންގާ ކަމަށް ފީފާއަށް އަންގާފައިވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ ސަމާލުކަމަށް އެކަންކަން ގެނެސްފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވާ ކަމަށް މިމަހުގެ އެއްވަނަ ޕީޖީން އޮފީހުން ބުނެފައިވެއެވެ.
އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޕީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ކުރާނެ ހުކުމަކީ 100،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއު 15 އަރަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު