ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ތ. އަތޮޅު ފައިނަލަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުއްޓާއި އޮމަދޫ ދަތުރުކުރި އިރު، ގދ. އަތޮޅު ފައިނަލްގެ ދެވަނަ ޖާގަ ތިނަދޫން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ތިން މެޗަކީ ފައިނަލްތަކެވެ. ތ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗާއި، ގދ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުވެސް ރޭ ކުޅެފައިވެއެވެ.
ތ. އަތޮޅުގެ ސެމީ މެޗުތަކަށް ބަލައިލާއިރު، އޮމަދޫން ހިރިލަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އޮމަދޫގެ ހަސަން ކިއާން ސިނާން ވަނީ ދެ ގޯލު ޖަހައިފައެވެ. ހިރިލަންދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މިންވާލްއެވެ.
ތިމަރަފުއްޓާއި ކިނބިދޫގެ މެޗު ފޯރިގަދަކޮށް ގޮސްފައިވާ އިރު، އެ މެޗު ތިމަރަފުށިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުގެ އަތޮޅު ޗެމްޕިއަން ކިނބިދޫ ކޮޅަށް މެޗުގެ ހަމައެކަނި ގޯލު ޖެހީ އާދަމް ނާސިހު (އާދަންނާ)އެވެ.
ގދ. އަތޮޅުން ހަތަރު ޓީމު މިފަހަރު ވާދަކުރަމުން އަންނައިރު، ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ވާދޫ ވަނީ އަތޮޅު ފައިނަލް ޔަގީން ކޮށްފައެވެ. އެޓީމުން ރޭ ކުޅުނު މެޗުގައި 4-0 އިން ގައްދޫ ބަލިކޮށް، ތިން މެޗުން ތިން މޮޅު ހޯދި އިރު، ވާދޫގެ ގޯލުތައް ޖަހައިދިނީ އަޔާޒް އަހުމަދު (އަޔާ) އާއި މުހައްމަދު އިޔާދު އަލީ، ނަޝާހު އަހުމަދު އަދި ހުސައިން ރިފާއު ސައީދެވެ.
ހޯޑެއްދޫއާއި ތިނަދޫ ވާދަކުރި މެޗަށް ނުކުތް އިރު، މޮޅުވާ ޓީމަކަށް ފައިނަލް ޔަގީންކުރެވެން އޮތް އިރު، އެމެޗު ތިނަދޫން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ތިނަދޫގެ ގޯލުތައް، އިބްރާހީމް ހުސައިން، ހުސައިން ރަޝީދު، މުހައްމަދު ޔައީޝް އަލީ ޝާމް އަދި ދައިސަމް ހަސަން ޖަހައިދިން އިރު، ހޯޑެއްދޫގެ ގޯލުތައް ޖެހީ އަހުމަދު ނަޒީފާއި އަހުމަދު ޝާނިއު އަބްދުލްޣަނީއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް