ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރުމަކީ ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީން، ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ޖަލްސާއަށް، މަޖިލީހުން ރުހުން ނެތް ކަމަށް ފާސްކުރި ތިން ވަޒީރަކަށް، ވަޒީރުންގެ ގޮތުގައި މަޖިލީހުގެ އެ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރުން ދައުވަތުދީފައިވާތީ ކަމަށެވެ. އިތުރު ސަބަބެއްގެ ގޮތުގައި އެމްޑީޕީން ބުނެފައިވަނީ ޒަމާނުއްސުރެ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަމުން އައިސްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅައި މަޖިލީހުގެ ގަދަރު ކުޑަކުރެއްވުމަށް މަސައްކަތްކުރައްވާފައި ކަމަށެވެ.
ގާސިމް، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ވަނީ ދިވެހި ގައުމު ހިންގުމުގެ ހުރިހާ ކަމަކާއި ހުރިހާ ދިވެހި ރައްޔިތުން ޝާމިލުވާނެހެން ގާނޫނުގައި އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޔާސީ ބަޔާން އިއްވަވާފައި ކަމަށެވެ.
"މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންތަކެއް ބޮއިކޮޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރައަކަށް ނުވޭތޯ،" ގާސިމް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މިއަދުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު އިއްވެވި އެންމެ ތަފުސީލު އަދި އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް މުއިއްޒަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައީސް މުއިއްޒަށް ތައުރީފުކުރައްވައި ގާސިމް ވިދާޅުވީ ދިވެހި ގައުމުގެ އިއްޔެއާއި މިއަދުގެ ހާލަތާއެކު މާދަމާއަށް ކުރާ އުންމީދުތަކާއި ގައުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވޭނެ ވާހަކަ ރައީސް މުއިއްޒު ވިދާޅުވީ އުންމީދާއެކު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު