ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ބ. އަތޮޅުގެ ފައިނަލަށް ތުޅާދުއާއި އޭދަފުށި ދަތުރުކުރި އިރު، ސ. އަތޮޅު ފައިނަލްގައި ފޭދުއާއި ހިތަދޫ ވާދަކުރަން ޖެހިއްޖެއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާ އެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ އަށް މެޗެއް ކުޅެފައެވެ. އެއީ ތިން ފައިނަލެއްގެ އިތުރުން ސ. އަތޮޅު ގްރޫޕް ސްޓޭޖު ފަހު ދެމެޗާއި ޅ. އަތޮޅު ލީގު ބުރުގެ ފުރަތަމަ މެޗެތަކުގެ އިތުރުން ބ. އަތޮޅު ގްރޫޕް ސްޓޭޖުގެ މެޗެކެވެ.
ބ. އަތޮޅުން ތިން ޓީމު ވާދަކުރަމުންދާ އިރު، ރޭ ތުޅާދޫން ނުކުތީ ފުރަތަމަ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ކުޅެ ބަލިވި ކެންދުއާ ދެކޮޅަށެވެ. އެ މެޗު، ތުޅާދޫން 6-1 އިން ކާމިޔާބުކޮށްފައިވާ އިރު، ކެންދޫ ވަނީ ދެ ބައްޔާއެކު ކަޓައިފައެވެ. ބ. އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި ތުޅާދުއާއި އޭދަފުށި ވާދަކުރަން އޮތް އިރު، އެ މެޗަށްފަހު ފައިނަލްގައިވެސް ދެޓީމު ކުރިމަތިލާނެއެވެ.
ރޭ ކެންދޫ ކޮޅަށް ތުޅާދޫގެ އިބްރާހީމް ރަފާހް ހެޓްރިކް ހެދި އިރު، އަންސަރު އިބްރާހީމް ވަނީ ދެ ގޯލު ޖަހައިފައެވެ. ތުޅާދޫގެ އަނެއް ގޯލު ޖެހީ މުހައްމަދު ތަސްނީމެވެ.
ކެންދުއަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ މުހައްމަދު އިޔާދާއި ޝަމަން މޫސާއެވެ.
ޅ. އަތޮޅުގެ މެޗުތައް ރޭ ފަށާފައިވާ އިރު، އެ އަތޮޅުން މިފަހަރު ހަތަރު ޓީމެއް ވާދަކުރަމުން ދެއެވެ. މިއީ މިހާތަނަށް އެ އަތޮޅުން އެންމެ ގިނަ ޓީމު ބައިވެރިވި ފަހަރުވެސް މެއެވެ. ނައިފަރުން ރޭ އޮޅުވެލިފުށި ކައިރިން 2-2 އިން އެއްވަރުވި އިރު، ނައިފަރުގެ ދެ ގޯލުވެސް ޖަހައިދިނީ އިބްރާހީމް ޝަރީފް މުހައްމަދެވެ. އޮޅުވެލިފުށީގެ ފުރަތަމަ ގޯލު އިމްރާން މުހައްމަދު ޖެހި އިރު، އަނެއް ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ.
އެ އަތޮޅުގެ ލީގު ބުރުގައި ރޭ ހިންނަވަރާއި ކުރެންދޫ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ކުރެންދޫގެ ގޯލު އަލީ އިބްރާހީމް މެޗުގައި ޖެހި އިރު، ހިންނަވަރުގެ ގޯލު ޖެހީ އަހުމަދު އަޝްރަފެވެ.
ސ. އަތޮޅުގެ ލީގު ބުރުވެސް ރޭ ނިމިފައިވާ އިރު، ބަލިވި ނަމަވެސް ހިތަދޫ ވަނީ ފައިނަލް ގޮސްފައެވެ. އެޓީމުން ރޭ މަރަދޫފޭދޫ ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މަރަދޫފޭދޫގެ ގޯލުތައް ޖެހީ ހަސަން ޒައިދާން މުހައްމަދު އަލީއާއި އިބްރާހީމް ސައިފް އަދި އިބްރާހީމް އަލީ ރާޝިދެވެ. ހިތަދޫގެ ގޯލުތައް ޖެހީ މުހައްމަދު ދާނިޝް އިބްރާހީމާއި މުހައްމަދު ސަބާހު މަންސޫރެވެ.
ފޭދޫވެސް ރޭގެ މެޗުން ބަލިވެފައިވާ އިރު، އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މަރަދޫގެ ގޯލުތައް ރޭގެ މެޗުގައި ވިޝާން ހަބީބާއި ހުސައިން ވިފާގު ޖެހި އިރު، ފޭދޫގެ ގޯލު ޖެހީ ހުސައިން އަޒްވާނެވެ.
ސ. އަތޮޅުގެ ހަތަރު ޓީމަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ޓީމުތަކުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެކެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް