ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ދ. އަތޮޅު ފައިނަލަށް ކުޑަހުވަދު އާއި މާއެނބޫދޫ ދަތުރު ކުރި އިރު، ތ. އަތޮޅާއި ލ. އަތޮޅުގެ ސެމީ ފައިނަލްތައް ޔަގީންވެއްޖެއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާ އެކު ކުރިއަށްދާ އިރު، އިއްޔެ ހަވީރާއި ރޭވެސް މެޗުތައް ކުޅެފައިވެއެވެ. އިއްޔެ ހަވީރު ފ. އަތޮޅުގެ ދެ މެޗާއި ދ. އަތޮޅު، ލީގު ބުރުގެ ފަހު ދެ މެޗު ކުޅެން އޮތެވެ. ދ. އަތޮޅު ލީގު ބުރުގައި ކުޑަހުވަދޫ އާއި ހުޅުދެލި ވާދަކުރަން އޮތް މެޗު، ކުޑަހުވަދުއަށް ލިބުމާއެކު އެޓީމަށް ފައިނަލް ޔަގީންވި އިރު، މާއެނބޫދޫން ފައިނަލް ޔަގީންކުރީ 5-0 އިން މީދޫ ބަލިކޮށްގެންނެވެ.

މެޗުގައި މާއެނބޫދޫ އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ދެ ގޯލަކީ މީދޫގެ ޒީދާން ނާސިރު އަދި މުހައްމަދު ފާރިޝް އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ. މާއެނބޫދޫގެ އަނެއް ގޯލުތައް އެ ޓީމަށް ޖަހާދިނީ ރީހާން ނިޒާރު, އާލިމް އަލީ އަދި އަބްދުﷲ ޒާން ޒަހީނެވެ.

އިއްޔެ ފ. އަތޮޅުގެ ފަހު ދެމެޗަށް ނުކުތްއިރުވެސް އެ އަތޮޅު ފައިނަލް އޮތީ ބިލެއްދޫ އާއި ދަރަނބޫދުއަށް ޔަގީންވެފައެވެ، އެހެންކަމުން އިއްޔެގެ މެޗުތައް ފެނުނީ ތަންކޮޅެއް ފޯރިކުޑަކޮށެވެ. ފީއަލުން މުބާރާތުގައި މޮޅެއް ހޯދި އިރު، އެޓީމުން ނިލަންދޫ ބަލިކުރީ 3-1 އިންނެވެ. އޭގެ އިތުރުން ފ. ބިލެއްދޫން އެއަތޮޅު މަގޫދޫ ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

ރޭ ތ. އަތޮޅުގެ ދެ ގްރޫޕްގެ ފަހު މެޗުތަކާއި. ލ. އަތޮޅު ގްރޫޕް ސްޓޭޖު ފަހު މެޗުތައް ކުޅެފައިވާ އިރު، ތ. އަތޮޅުގެ ސެމީ ޔަގީންކުރީ އެންމެ ފަހުގެ ޗެމްޕިއަން ކިނބިދޫ އާއި ތިމަރަފުށި، އޮމަދޫ އަދި ހިރިލަންދޫއެވެ.

ގްރޫޕް އޭގެ އެއްވަނަ އޮމަދޫން ހޯދީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނަ ކިނބިދޫން ހޯދި އިރު، އެޓީމަށް ހަތަރު މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ. އަނެއް ގްރޫޕްގެ އެއްވަނަ ތިމަރަފުށި ހޯދި އިރު، ހަތަރު މެޗުން 12 ޕޮއިންޓް އެޓީމުން ހޯދިއެވެ. ހިރިލަންދޫ ގްރޫޕްގެ ދެވަނަ ހޯދީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކުގައެވެ.

ރޭ ތިމަރަފުށިން ގުރައިދޫ 7-0 އިން ބަލިކުރި އިރު، އެޓީމުގެ އިބްރާހީމް މުނީޒް މެޗުގައި ދެ ގޯލު ޖެހިއެވެ. އަނެއް ގޯލުތައް ޖެހީ އިބްރާހީމް ސިނާހް، އާދަމް ނާސިހު، އަލީ ޝިފާއު، ހުސައިން އަލީ އަދި އިބްރާހީމް ހަމްދާނެވެ.

އެ ގްރޫޕްގައި ރޭ ވޭމަންޑޫއާއި މަޑިފުށި ވާދަކުރި މެޗު 3-1 އިން ކާމިޔާބުކުރީ މަޑިފުއްޓެވެ.

ތ. އަތޮޅު ގްރޫޕް އެކެއްގެ އެއްވަނަ އޮމަދޫން ހޯދީ ރޭ ކިނބިދޫ ކައިރިން 2-0 އިން މޮޅުވެގެންނެވެ. އެ މެޗުގައި އޮމަދޫގެ ގޯލުތައް ޖެހީ މުހައްމަދު އަލާއު އަދި ހަސަން ކިއާން ސިނާނެވެ. ދެން އެ ގްރޫޕްގައި ރޭ ކުޅުނު މެޗުގައި ވިލުފުއްޓާއި ގާދިއްފުށި ވާދަކުރި މެޗު، ވިލުފުށިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ތ. އަތޮޅު ސެމީގައި ކިނބިދޫން ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ އިރު، އޮމަދޫ ނުކުންނާނީ ހިރިލަންދުއާ ދެކޮޅަށެވެ.

ލ. އަތޮޅުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ނުކުތް އިރު، އިސްދޫ އާއި ގަމަށް ސެމީ ޔަގީންވެފައި އޮތް އިރު، ބާކީ އޮތް އަނެއް ދެ ޖާގަ ހޯދީ މާވަށާއި މާމެންދޫއިންނެވެ. މާވަށުން ސެމީ ޔަގީންކުރީ ރޭ ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި 2-1 އިން މާބައިދޫ ބަލިކޮސްގެންނެވެ. މެޗުގައި މާވަށުގެ ގޯލުތައް ޖެހީ މުހައްމަދު ޝާއިރާއި އަހުމަދު މުހައްމަދެވެ.

މާބައިދޫގެ ގޯލު މެޗުގައި ޖެހީ ހަސަން ނިމާލެވެ.

މާވަށް ހިމެނޭ ގްރޫޕްގެ އެއްވަނަ ހޯދި ގަމުން ވަނީ ރޭ ދަނބިދޫ 7-0 އިން ބަލިކޮށްފައެވެ. އެ މެޗުގައި އަހުމަދު ހަލީމް ފަސް ގޯލު ޖެހި އިރު، އަނެއް ދެ ގޯލު ގަމަށް ޖަހައިދިނީ އަބްދުﷲ ޖުނައިދާއި ޒައިދާން އަބްދުﷲއެވެ.

މާމެންދޫން ސެމީ ޔަގީންކުރީ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުގައި ހިތަދުއާ އެއްވަރު ކޮށްގެންނެވެ. މެޗު 2-2 އިން އެއްވަރުވި އިރު، މާމެންދޫގެ ގޯލުތައް ޖެހީ ތޯއިފް ގާސިމާއި އިބްރާހީމް އިބްރާހީމް ރިސްފާނެވެ. ހިތަދޫގެ ދެ ގޯލު ޖެހީ އިސްމާއީލް ޝަނޫނާއި ހުސައިން އަލީއެވެ.

އެ ގްރޫޕްގެ އެއްވަނަ ހޯދި އިސްދޫން ރޭ ވަނީ މުންޑޫ ކައިރިން 7-3 އިން މޮޅުވެފައެވެ.

ލ. އަތޮޅު ސެމީގައި ގަމުން ނުކުންނާނީ މާމެންދުއާ ދެކޮޅަށެވެ. އިސްދޫން ނުކުންނާނީ މާވަށާ ދެކޮޅަށެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.