ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ގއ. އަތޮޅުގެ ސެމީ ފައިނަލްގައި ނިލަންދުއާއި ކަނޑުހުޅުދޫ، ދެއްވަދުއާއި ގެމަނަފުށި ވާދަކުރަން ޖެހިއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާއިރު، ރޭވެސް ވަނީ މުބާރާތުގެ 8 މެޗެއް ކުޅެފައެވެ. އެއީ މ. އަތޮޅުގެ ފުރަތަމަ ހަތަރު މެޗާއި، ގއ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

ގއ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ ގްރޫޕް އެކެއްގެ އެއްވަނަ ހޯދީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދި ނިލަންދުއެވެ. އެ ގްރޫޕްގެ ދެވަނަ ގެމަނަފުށިން ހޯދި އިރު، އެޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ގްރޫޕް ދެއަކުން އެއްވަނަ ދެއްވަދޫ ހޯދި އިރު، އެޓީމަށް ތިން މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ. އެ ގްރޫޕުން ދެވަނައަށް ދިޔަ ކަނޑުހުޅުދޫއަށް ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ކަނޑުހުޅުދޫން ސެމީ ޔަގީންކުރީ ރޭ 6-3 އިން ކޮލަމާފުށި ބަލިކޮށްފައެވެ. އެ މެޗުގައި ކަނޑުހުޅުދޫގެ އަހްނަފް ޒާހިރު ހެޓްރިކް ހެދި އިރު، އަލީ އަޒްވާން އަބްދުލް އަޒީޒް ވަނީ ދެ ގޯލު ޖަހައިފައެވެ. ކަނޑުހުޅުދޫގެ އަނެއް ގޯލު މެޗުގައި ޖެހީ އިސްމާއީލް އަންވާރެވެ. ކޮލަމާފުށިން މެޗުގައި ޖެހި ތިން ގޯލުވެސް ޖެހީ އާސިފް ހަނީފެވެ.

ދެއްވަދޫން ގްރޫޕް އެއްވަނަ ހޯދީ، ރޭ ވިލިނގިލި 3-0 އިން ބަލިކޮށްފައެވެ. މެޗުގައި ދެއްވަދޫގެ ގޯލުތައް ޖެހީ ރަޝްވާން ރަޝީދާއި އަހުމަދު ރާހިލް ރަޝީދު އަދި ލަމާން ޒުހައިރެވެ.

ނިލަންދޫން ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރީ 2-1 އިން ކޮނޑޭ ބަލިކޮށްފައެވެ. ނިލަންދޫގެ ގޯލުތައް މެޗުގައި ޖެހީ މަހުފޫޒް އާދަމާއި މުހައްމަދު ޒާހިލް އަހުމަދެވެ. ކޮނޑޭއަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ މުހައްމަދު އިންޝާއު އަހުމަދެވެ.

ގެމަނަފުށިވެސް ސެމީއަށް ގޮސްފައިވާ އިރު، އެޓީމުން ވަނީ މާމެންދޫ ބަލިކޮށްފައެވެ. ގެމަނަފުށިން ރޭ 4-0 އިން މާމެންދޫ ބަލިކޮށްފައިވާ އިރު، މެޗުގައި ގެމަނަފުށީގެ ހުސައިން ތާއިމް ވަނީ ދެ ގޯލު ޖަހައިފައެވެ. ގެމަނަފުށީގެ އަނެއް ގޯލުތައް ޖެހީ މުހައްމަދު އިރުޝާމް އަބްދުﷲ އާއި އަހުމަދު ޝާމްއެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.