ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކ. އަތޮޅުގެ ފެށުން، ގާފަރާއި ހިންމަފުށީގެ އިތުރުން ދިއްފުއްޓާއި މާފުށިން ރަނގަޅުކޮށްފިއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާއިރު، މިއަދު ހަވީރު ވަނީ ކ. އަތޮޅުގެ ފުރަތަމަ ހަތަރު މެޗު ކުޅެފައެވެ. ކ. އަތޮޅުން މި އަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަތޮޅު ފައިނަލަށް ޓީމުތައް ދާނީ ސެމީ ފައިނަލް މެޗަށްފަހުއެވެ.
ކ. އަތޮޅު ގްރޫޕް އެކެއްގައި މިއަދު ގާފަރާއި ކާށިދޫ ވާދަކުރި މެޗު، ގާފަރުން ފަހަތުން އަރައި ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ކާށިދޫގެ އަހުމަދު ސުޒައިރު އެ ޓީމަށް ފުރަތަމަ ލީޑު ނަގައިދިން ނަމަވެސް، ގާފަރުން ފަހު ހާފުގައި ދެ ގޯލު ޖަހައި މޮޅުވިއެވެ.
ގާފަރުގެ އިބްރާހީމް ރިމާހް މެޗުގެ ފަހު ގޯލު ޖެހި އިރު، އެ ޓީމުގެ އަނެއް ގޯލަކީ ކާށިދޫގެ މުހައްމަދު އަޖުވަދު ސޯލިހް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ ގްރޫޕުގައި ހިންމަފުށިން 3-1 އިން ހުރާ ބަލިކުރި އިރު، މެޗުގައި ހިންމަފުށީގެ ހުސައިން ނާފިޒް ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި އެ ޓީމުގެ އަނެއް ގޯލު ޖަހައި ދިނީ އަތުޝަން އިބްރާހީމެވެ. ހުރާގެ ހަމައެކަނި ގޯލު މެޗުގައި ޖަހައި ދިނީ މުހައްމަދު ތަޝްމީނެވެ.
ކ. އަތޮޅުގެ ގްރޫޕް ދޭއްގައި ދިއްފުށިން ބޮޑު މޮޅަކާއެކު ފެށި އިރު، އެ ޓީމުން މިއަދު ގުޅި ބަލިކުރީ 9-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ދިއްފުށީގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި ޒައިން ޒަފަރު، އަހުމަދު ނަދީހު، މީގެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު މާޒިންއާއި އިބްރާހީމް ޝިނާޒެވެ. ގުޅީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވާ އިރު، ގުޅީގެ ގޯލުތައް މެޗުގައި ޖެހީ އަހުމަދު ރިއުމާން މުހައްމަދާއި އަހުމަދު އަރުސޫން ޝާހިރު އަދި އިބްރާހިމް ސިމާހެވެ.
އެ ގްރޫޕުގައި މާފުށިން 2-1 އިން ގުރައިދޫ ބަލިކުރި އިރު، މާފުށީގެ ގޯލުތައް މެޗުގައި ޖެހީ ޒުލްކިފްލީ ޒާހިރާއި އިސްމާއީލް ޒަރީރެވެ. ގުރައިދޫގެ ގޯލު ޖެހީ އިޝްއާފު މުހައްމަދު ފިރާގެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް