ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.
މީގެ ކުރިން 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުވެސް ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާ ދުވާފަރުން ރޭ ތިންވަނަ ތަށި ހޯދީ، އަތޮޅު ފައިނަލުގައި 3-0 އިން އަލިފުށި ބަލިކޮށްގެންނެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ 8 މެޗެއް ކުޅެފައެވެ. އެއީ ނ. އަތޮޅުގެ ލީގު ބުރުގެ ފަހު ދެމެޗާއި ހދ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗު، ސ. އަތޮޅު ލީގު ބުރުގެ ދެމެޗުގެ އިތުރުން ރ. އަތޮޅުގެ ފައިނަލް މެޗު އަދި ބ. އަތޮޅުގެ ފުރަތަމަ މެޗެވެ.
ރ. އަތޮޅުގެ ފައިނަލް ފެށިގެން މެޗުގައި ދުވާފަރުން ރަނގަޅަށް ކުޅެމުންދިޔަ އިރު، އެ ޓީމުގެ މުސްލިމް މުހައްމަދު ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިދީފައެވެ. މުސްލިމް ދެ ގޯލު ޖެހި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އަލިފުށިން ގޯލަކަށް ކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށް ވީ ދުވާފަރު ގޯލްކީޕަރެވެ.
ދުވާފަރު ކޮޅަށް ފަހުކޮޅުގައި އަލިފުށިން ނުރައްކާ ބޮޑު ކުރި ނަމަވެސް، މެޗު ނިމެން ދަނިކޮށް އިސްމާއީލް އީސަ (މެސީ) ގޯލު ޖަހައި ދުވާފަރަށް ތަށި ޔަގީންކޮށްދިނެވެ.
އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މެސީއެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ދުވާފަރުގެ މުސްލިމެވެ.
ރޭ މުބާރާތުގެ ސ. އަތޮޅުގެ ދެމެޗުވެސް ކުޅެފައިވާ އިރު، އެ އަތޮޅުން މިފަހަރު ހަތަރު ޓީމު ދަނީ ވާދަކުރަމުންނެވެ. އަތޮޅު ފުރަތަމަ މެޗު ދުވަހުގައި ކުޅުނު ދެމެޗުވެސް އެއްވަރުވެފައި އޮތް އިރު، ރޭ ފޭދޫން ވަނީ 3-2 އިން މަރަދޫފޭދޫ ބަލިކޮށްފައެވެ. ފޭދޫގެ ގޯލުތައް މެޗުގައި ޖެހީ އަލީ ނާފިއުއާއި އަހުމަދު ބަލްސަމް އަލީ އަދި ހަސަން ލައުހެވެ. މަރަދޫ ފޭދޫގެ ގޯލުތައް ޖެހީ ހަސަން ޒައިދާން މުހައްމަދު އަލީއާއި އިބްރާހީމް އާލިފް ރާޝިދެވެ.
ރޭ ހިތަދޫން 3-2 އިން މަރަދޫ ބަލިކުރި އިރު، ހިތަދޫގެ ހާޒިމް ފައުޒީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ރަފާހް އަބްދުﷲ އެވެ. މަރަދޫގެ ދެ ގޯލުވެސް ޖެހީ ފުރަތަމަ ޑިވިޝަނުންވެސް ފާހަގަކޮށްލެވުނު ހުސައިން އައިކެވެ.
ބ. އަތޮޅުން މިފަހަރު ތިން ޓީމަކުން ވާދަކުރަމުންދާ އިރު، ރޭ ކުޅުނީ އަތޮޅު ބުރުގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ވަރުގަދަ އޭދަފުށިން ވަނީ 5-0 އިން ކެންދޫ ބަލިކޮށްފައެވެ. މެޗުގައި އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ހައިޝަމް ހަސަން (ބިޑި) ގޯލު ޖެހި އިރު، ކެންދޫގެ މުހައްމަދު ޝިމަން އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް