އަނިޔާވެރި އަމަލު ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ހެނދުނު މާލޭގެ މަގެއްގެ މަތިން ބަޔަކު ދިން ހަމަލާ ކުށްވެރިކުރައްވައި ސަރުކާރުގެ ފަރާތުން، ރައީސް އޮފީހުގެ ސްޓްރެޓެޖިކް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހުތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުންދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ." ހަލީލް ވިދާޅުވިއެވެ.
ހަލީލް އިތުރަށް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޕީޖީއަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހެކެވެ. އެ މީހުން ހަމަލާދިނުމުގެ ސަބަބުން ޝަމީމުގެ ވައަތުގައި ވަނީ ރެނދުލައިފައެވެ. ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ޝަމީމް މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު