ރައީސް ޑރ. މުހައްމަދު މުއިއްޒު، އަޒުލުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންގެ މެމްބަރުންގެ ތާއީދު އެބައޮތް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ވެސް ރައީސް މުއިއްޒު އަޒުލުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޑިމޮކްރެޓްސްގެ އިތުރުން އެހެން ޕާޓީތަކުގެ މެމްބަރުންގެ ޝައުގުވެރިކަން ވެސް އެކަމަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހުރިއްޔާ އަޒުލުކުރުމާ ގުޅޭގޮތުން އެހެން ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ އެބަހުރިތޯ، މިހާރުވެސް އެބަހުރި، އަދި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ ތާއީދާ އެއްކޮށް ކަަމަށް އަޅުގަނޑުމެން ގަބޫލުކޮށް މިކަން ކުރާނީ،" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީން މަޖިލީހުގައި މަސައްކަތް ކުރާއިރު އަބަދުވެސް އެހެން ޕާޓީތަކުގެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ އުސޫލެއް ގެންގުޅޭ ކަމަށެވެ. ރައީސް މުއިއްޒު އަޒުލުކުރުމަށް ޝައުގުވެރިކަން ފާޅުކުރި ހުރިހާ މެމްބަރުންނާއެކު އެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު، އަޒުލުކުރުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ސޮއި ލިބިފައިވާ ކަމަށާއި ދެން ކުރިއަށްގެންދާނީ އެމްޑީޕީގެ ގުނަވަންތަކާއެކު އެކަމުގެ މަޝްވަރާކުރުން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. ރައީސް މުއިއްޒު، އަޒުލުކުރުމަށް މަޖިލީހަށް ހުށަހަޅާނީ އެ ހުރިހާ މަޝްވަރާއެއް ކޮށްފައި ކަމަށާއި ފަހަރެއްގައި މަޖިލީހުގެ މި ދައުރުގެ ތެރޭގައި ވެސް ހުށަހަޅައިފާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒު، އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ސީދާ ހުށަހަޅާނެ ދުވަހެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރަކު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައި އެކަމަށް ބޭނުންވާ ސޮއި އިއްޔެ ހަމަކޮށްފައިވާ ކަމަށެވެ. ރައީސް މުއިއްޒު މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކަމަށާއި ރައީސް މުއިއްޒު ވަކިކުރައްވަން އިއްޔެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީން، މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެފައިވަނީ ރައީސް މުއިއްޒު މަގާމުން އަޒުލުކުރުމުގެ ފުރުސަތު ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނުދޭނެ ކަމަށެވެ.
"އެކަން އަޅުގަނޑުމެން ހުއްޓުވާނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލު ކުރަން ޖެހޭނެ ކަމަކަށް ފުރުސަތެއް ނުދޭނަން. އެހެން ހީކޮށްގެން ނުވާނެ، ބަޔަކު ސޮއިކޮށްލާފަ އެހެން ލިޔަކަސް އެ ފުރުސަތެއް އަޅުގަނޑުމެންނެއް ނުދޭނަން،" ސަލީމް ވިދާޅުވެފައިވެއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެފައިވަނީ ނިމެމުންދާ މަޖިލީހުގެ މެމްބަރުންތަކެއް އަދި އެމްޑީޕީގެ ގިނަ މެންބަރުން މިއަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަނީ ވެސް އަލުން އިންތިހާބުވެވަޑައިނުގަންނާނެތީ ކަމަށެވެ. ނިމެމުންދާ މަޖިލީހަކުން ރައީސް މުއިއްޒު އަޒުލު ކުރެއްވުމަށް މަސައްކަތް ކުރެއްވިޔަސް އެކަމެއް ކާމިޔާބެއް ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"ދެން ތި ފާހަގަކުރި ނަމްބަރު ހަމަވާ ވާހަކަ. ގާނޫނުއަސާސީގެ ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތައް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި ހުރީ 87 އެއީ ޖުމުލަ މެމްބަރުކަމަށް ބަލައިގެން. މިހާރު މަޖިލިސް ގަވާއިދަށް ބަދަލު ގެނެސްފަ އެއޮތީ މިހާރު ތިބި އަދަދަކީ ޖުމުލަ މެމްބަރުންކަމަށް ކަނޑައަޅައިފިކަމަށްވާނަމަ މީގެ ކުރިން ނިންމާފަ ހުރި ނިންމުންތައް ހިލާފުވާނެ،" ތާރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެއްވުމަށް ޖުމުލަ އަދަދުން ބަލައިކަމުގައިވާނަމަ 56 މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. އެމްޑީޕީން މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށް ގެންނަން އުޅޭ ބަދަލުގެ މައްސަލަ ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ތާރިގު ވިދާޅުވެފައިވެއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އެކަނި ރައީސް މުއިއްޒު، އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ކުރިން ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނެސްފައެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި އޭރު ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.
އޭޖީ އޮފީހުނ ބުނީ "މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ)ގައި 'މަޖިލީހުގެ ޖުމުލަ މެމްބަރުން' އެ އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް" ކަމަށެވެ.
އެހެންވެ އެ ތިން އަކުރަކީ ބާތިލު އަކުރުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "ވަން" އަށް މިއަދު ވިދާޅުވީ އޭޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގެ އިސްލާހުތައް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށް އުޝާމް ވިދާޅުވިއެވެ.
ރައީސް އަޒުލުކުރުމުގެ އަޑު ފެތުރުނު ފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންވެ އެމްޑީޕީގެ މެންބަރުންގެ އެކަނި ވޯޓުން ރައީސް އަޒުލުކުރާ ވަރަށް މެންބަރުން މިހާރު ހަމައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންގެ ވޯޓުން ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމުލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ.
އެމްޑީޕީން ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ރައީސް އަޒުލުކުރުމުގެ ގަރާރަށް ސޮއި ހަމަކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަދި މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު