ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އެކަނި ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ކުރިން ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އާއްމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނެސްފައެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި އޭރު ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ)ގައި 'މަޖިލީހުގެ ޖުމުލަ މެމްބަރުން' އެ އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް" ކަމަށެވެ.
އެހެންވެ އެ ތިން އަކުރަކީ ބާތިލު އަކުރުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "ވަން" އަށް މިއަދު ވިދާޅުވީ އޭޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގެ އިސްލާހުތައް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށް އުޝާމް ވިދާޅުވިއެވެ.
ރައީސް އަޒުލުކުރުމުގެ އަޑު ފެތުރުނު ފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންވެ އެމްޑީޕީގެ މެންބަރުންގެ އެކަނި ވޯޓުން ރައީސް އަޒުލުކުރާ ވަރަށް މެންބަރުން މިހާރު ހަމައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންގެ ވޯޓުން ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމުލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ.
އެމްޑީޕީން ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ރައީސް އަޒުލުކުރުމުގެ ގަރާރަށް ސޮއި ހަމަކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަދި މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު