ދަ ޑިމޮކްރެޓްސް އިން އޭނާއަށް ރުހުން ނުދިނުމަށް ނިންމީ ޒާތީ ގޮތުން ޖައްސާލުމުގެ ބޭނުމުގައި ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް "ވަން" އަށް މިރޭ ވިދާޅުވީ، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސް އިން މަޖިލިސް ތެރެއިން މަސައްކަތް ކުރަނީ ގާނޫނާހިލާފަށް ކަމަށާއި ދަ ޑިމޮކްރެޓްސްއިން އޭނާއަށް ރުހުން ނުދިނުމަށް ނިންމީ، މަޖިލިސް މެމްބަރަކަށް އޭނާ ހުންނެވި އިރު، މަޖިލީހުގައި ކުރިއަށްދިޔަ ބައެއް މަސައްކަތްތަކާ ގުޅިގެން ކަމަށެވެ. ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީން ވެސް އޭނާއަށް ރުހުން ނުދިނުމަށް ނިންމީ، އެޓާނީ ޖެނެރަލްގެ މަގާމަށް ބޭނުންވާ ގާބިލިއްޔަތުކަން ނެތުމުގެ ސަބަބުން ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ.
"މަގާމުގެ ޒިންމާ އަދާނުކުރެވިގެން ނުވަތަ މަގާމަށް އެކަށީގެންނުވާތީއެއް ނޫން. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ އަޅުގަނޑު މެމްބަރަކަށް ހުރިއިރު ކުރި ބައެއް މަސައްކަތުގެ ސަބަބުން ކަމަށް. އެއީ ހަމަ އަޅުގަނޑަށް ރުހުން ނުދޭން ބޭނުންނުވާތީ. މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދުއާ ގުޅުންހުރި ކަންތައްތަކެއް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައި،" އުޝާމް ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލްގެ މަގާމުން ހުންނަވައިގެން ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ގާނޫނާ އެއްގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ. މަޖިލީހާ ބެހޭ ގާނޫނާއި ގަވާއިދުތަކުގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭގޮތުން ކަންކަން ކުރަންވީ ގޮތް ބަޔާންކޮށްފައި ކަމަށް އުޝާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް، ރުހުން ނުދޭން ނިންމައިފައެވެ.
އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ނިންމައިފައެވެ. ދަ ޑިމޮކްރެޓްސް އިން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ ސައީދަށް ރުހުން ދޭން ނިންމައިފައެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ސަރުކާރު މެމްބަރުން ވަނީ ހުއްޓުވައި، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އަދި މިރޭ ބޭއްވި ޖަލްސާއަށް ވެސް ސަރުކާރު މެމްބަރުން ވަނީ ހުރަސް އަޅައި، ޖަލްސާ ކުރިއަށް ގެންދިއުން ހުއްޓުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު