ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރުކުރުމަށް ހިންގާ އަމަލުތައް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަަޅައި ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގައި ޖަލްސާ ހުއްޓުވާފައިވާތީ، ކަންބޮޑުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނުން ފެށިގެން އެތަކެއް ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް، ސަރުކާރަށް ނިސްބަތްވާ މެންބަރުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުން ގާނޫނުއަސާސީގައިވާ ގޮތަށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ނުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް އުފުލުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ގަސްތުގައި ކުރި ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އެހެންކަމުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރުކުރުމަށް ހިންގާ މިފަދަ އަމަލުތައް ނުހިންގުމަަށް މި ޕާޓީން ގޮވާލަމެވެ..،" ދަ ޑިމޮކްރެޓްސް އިން ބުންޏެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެންބަރުން ނިންމާ ގޮތަކަށް އެ މެންބަރުން ވޯޓު ދިނުމަކީ އެ މެންބަރުންގެ ޒިންމާއެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ. އަދި ބުނީ ސަރުކާރުން ބޭނުންވާގޮތް ނޫންގޮތަކަށް މެންބަރުން ވޯޓު ދޭނަމަ، ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް ހުރަސް ހުރަސްއެޅުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި މާރާމާރީ ހިންގުމުގެ ސަބަބުން ބައެއް މެންބަރުންނަށް ވަނީ އަނިޔާވެސްވަފައެވެ. ޕީއެންސީ އާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގީ، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން އޮއްވައެވެ. އެގޮތުން މިއަދު މެންދުރު 1:30 ގައި ނަގަން ނިންމި އެ ވޯޓުގެ ކުރިން، އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާ އިރު، އެ ވޯޓު ނެގުމަށް ސަރުކާރު މެންބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމުގައި ދެކޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެކެވެ. ނަމަވެސް, މެންބަރުންނަށް އިންޒާރުދީ، ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާ އިރުވެސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަން މި ޕާޓީން ކުށްވެރި ކުރަމެވެ..،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށާއި ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާ އިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދަމަތްތަކަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.