ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ދ އަތޮޅު، އަތޮޅު ބުރުގައި ރޭ ކުޑަހުވަދޫން ކުޅުނު މެޗުގައި މީދޫ ބަލިކޮށްފިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ޖުމުލަ އަށް މެޗެއް ކުޅުނެވެ. އެއީ ހއ އަތޮޅު ކުއާޓާ ފައިނަލް މެޗުތަކުގެ އިތުރުން ދ އަތޮޅު ދެމެޗާއި ސ އަތޮޅު، އަތޮޅު ބުރުގެ ފުރަތަމަ ދެމެޗެވެ.
ދ. އަތޮޅުން މިފަހަރުގެ މުބާރާތުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު، ރޭވެސް ހުޅުދެލިން މެޗަށް ނުކުމެފައެއް ނުވެއެވެ. އެހެންކަމުން އެޓީމުން ރޭ ބަނޑިދުއާ ދެކޮޅަށް ކުޅެން އޮތް މެޗު، ބަނޑިދުއަށް ވަނީ ލިބިފައެވެ. އެއީ ބަނޑިދުއަށް މުބާރާތުގައި ލިބުނު ފުރަތަމަ މޮޅެވެ.
އެ އަތޮޅުގެ ލީގު ބުރުގައި އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި މާއެނބޫދޫއާ އެއްވަރުވި އިރު، ރޭ ކުޑަހުވަދޫން ފުރަތަމަ މޮޅެއް ހޯދީ ފުރަތަމަ ކުޅުނު ދެމެޗުންވެސް މޮޅުވެފައި އޮތް މީދޫ ކައިރިންނެވެ. މެޗު 4-1 އިން ކުޑަހުވަދޫން ކާމިޔާބުކުރި އިރު، ކުޑަހުވަދޫގެ ގޯލުތައް ޖަހައިދިނީ ހާރޫން އިބްރާހީމް (ހާންޑޯ)އާއި ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) އަދި ހުސައިން އިފްހާމެވެ. ޖުމްބެ ވަނީ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
މީދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ޝާމް ޝިޔާމެވެ.
ސ އަތޮޅުގެ ކުޅުން ރޭ ފަށާފައިވާ އިރު، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެ އަތޮޅުން ހަތަރު ރަށަކުން އަންނަނީ ވާދަކުރަމުންނެވެ. އެ ހަތަރު ޓީމުވެސް ރޭ މެޗުތައް ކުޅުނު އިރު، މަރަދުއާއި މަރަދޫފޭދޫ ވާދަކުރި މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ މަރަދޫގެ ހުސައިން ވިފާގެވެ.
ފޭދުއާއި ހިތަދޫ ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ފޭދޫގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ގައްސާން ލަބީބާއި ހުސައިން އަޒްވާނެވެ. ހިތަދޫގެ ގޯލުތައް ޖެހީ މުހައްމަދު ދާނިޝް އިބްރާހީމާއި މުހައްމަދު އިންޝާލެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް