ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ކުއާޓާ ފައިނަލް މެޗުތައް ޔަގީންވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަ އިރު، ހދ. އަތޮޅުން މިފަހަރު ވަނީ 11 ޓީމަކުން ބައިވެރިވެފައެވެ. އެ އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ކުއާޓާއަށް ދަތުރު ކުރީ ތިން ގްރޫޕްގެ ގަދަ ދެޓީމުގެ އިތުރުން އެންމެ ނަތީޖާ ރަނގަޅު ދެ، ތިންވަނަ ޓީމެވެ.
ހއ. އަތޮޅު ތިން ގްރޫޕްގެ ކުޅުންވެސް ރޭ ނިމިފައިވާ އިރު، ގްރޫޕް އޭގެ އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކު ހަނިމާދުއެވެ. އެ ގްރޫޕްގެ ދެވަނަ ވައިކަރަދޫ ހޯދި އިރު، ތިންވަނަ ހޯދި މަކުނުދުއަށްވެސް ވަނީ ކުއާޓާ ޔަގީންވެފައެވެ.
ރޭ އެ ގްރޫޕްގައި ވައިކަރަދޫން 2-1 އިން ފިނޭ ބަލިކުރި އިރު، ހަނިމާދޫން މަކުނުދޫ ބަލިކުރީވެސް 2-1 ގެ ނަތީޖާއަކުންނެވެ.
ހަނިމާދޫން މަކުނުދޫ ބަލިކުރި މެޗުގައި ހަނިމާދޫގެ ގޯލުތައް ޖެހީ އާތިފް އިބްރާހީމާއި އަބޫބަކުރު ސިއްދީގެވެ. މަކުނދޫގެ ގޯލު މެޗުގައި ޖެހީ ސަމްއޫން އަބްދުﷲ އެވެ. ވައިކަރަދޫން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު ރައުޝަންއާއި އަލީ އަރީހެވެ. ފިނޭގެ ގޯލު ޖެހީ އަހުމަދު އަފްރާހެވެ.
ހއ. އަތޮޅު ގްރޫޕް ދޭއްގެ އެއްވަނަ، އެންމެފަހުގެ ޗެމްޕިއަން ނައިވައިދޫން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އެ ގްރޫޕްގެ ދެވަނައަކަށް ނޮޅިވަރަންފަރު ދިޔަ އިރު، ތިންވަނަ ޓީމު، ނޭކުރެންދުވެސް ކުއާޓާއަށް ދަތުރުކުރިއެވެ.
ނޭކުރެންދޫން ރޭ ކުޅުނު މެޗުގައި ކުޅުދުއްފުށި 7-0 އިން ބަލިކުރި އިރު، ނައިވައިދޫން ނޮޅިވަރަންފަރު ބަލިކުރީވެސް އެ ސްކޯއިންނެވެ. ނައިވައިދޫގެ ގޯލުތައް މެޗުގައި ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ވިސާމާއި މިދުހަތު ފާއިޒެވެ. އޭގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އަނެއް ގޯލަކީ ނޮޅިވަރަންފަރުގެ އައްޒާމް މުހައްމަދު ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ނޭކުރެންދޫން ކުޅުދުއްފުށި ކޮޅަށް ގޯލުތައް ޖެހީ މުހައްމަދު ވިލްފާއި މުހައްމަދު ފަރުހާންގެ އިތުރުން މުހައްމަދު ރާއިފް ފަޒީލް، އާދަމް ނަޝްވާން އަދި ހުސައިން ޝިފާއު ޔޫސުފެވެ. ފަރްހާނާއި ވިލްފް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ހދ. އަތޮޅު ގްރޫޕް ތިނެއްގެ އެއްވަނަ ކުޅުނު ދެމެޗުން މޮޅުވި ނެއްލައިދޫ ހޯދި އިރު، ދެވަނަ ހޯދީ ނޮޅިވަރަމުންނެވެ. އެ ގްރޫޕްގެ ފަހު މެޗުގައި ރޭ ނެއްލައިދޫން ކުމުންދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނެއްލައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ވިސާމާއި އަލީ މުއާޒެވެ. ކުމުންދޫގެ ގޯލު މެޗުގައި ޖެހީ އަބްދުﷲ ހަސަނެވެ.
- ހަނިމާދޫ - ނޭކުރެންދޫ
- ނައިވައިދޫ - މަކުނުދޫ
- ވައިކަރަދޫ - ނޮޅިވަރަމް
- ނެއްލައިދޫ - ނޮޅިވަރަންފަރު
ހދ. އަތޮޅުގެ ކުއާޓާ މެޗުތައް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ރޭ ވަނީ ރ. އަތޮޅުގެ ގްރޫޕް ދޭއްގެ ފަހު މެޗުވެސް ކުޅެފައެވެ. އެ ގްރޫޕްގެ އެއްވަނަ އެންމެފަހުގެ ޗެމްޕިއަން އިނގިރައިދޫން ޔަގީންކޮށްފައި އޮތް އިރު، ދެވަނައަށް ރޭ ހުޅުދުއްފާރާއި ފައިނު ވާދަކުރި މެޗުވީ 1-1 އިން އެއްވަރެވެ. އެ މެޗު އެއްވަރުވުމުން ފައިދާ ގޯލެއްގެ ފަރަގުން ހުޅުދުއްފާރު ވަނީ ސެމީއަށް ގޮސްފައެވެ.
ރޭ ހުޅުދުއްފާރުގެ ގޯލު ޖަހައިދިނީ އިބްރާހީމް ޒާހިދެވެ. ފައިނުގެ ގޯލު ޖެހީ އަހުމަދު ޝަމާހެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް