އެއްވެސް އިންތިހާބެއް ރޯދަ މަހު ނުބޭއްވޭ ގޮތަށް މާއްދާއެއް ހިމަނައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. ޝިފާއު ވިދާޅުވީ އެ އިސްލާހު ހުށަހަޅާފައިވަނީ ރޯދަ މަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމަށް އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ޝިފާއު އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށެވެ. އެގޮތުން 20 އިސްލާހެއް އެ ގާނޫނަށް ގެނައުމަށް ވަނީ ހުށަހަޅުއްވަފައެވެ.
އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގެ ށ. ގައި ވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެއެވެ.
"މި މާއްދާގެ ށ. ގައި ބުނެވުނު ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނު ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ ށ. ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ." އިސްލާހުގައިވެއެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހު ބޭއްވުމަށް ނިންމާފައިވާތީއެވެ. އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އެކަމަށް ސަރުކާރާއި އިދިކޮޅު އެމްޑީޕީ މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލިސް އިންތިހާބު، ރޯދަ މަހު ބޭއްވުމަށް ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކާ މަޝްވަރާކުރުމަށްފަހު ނޫން ކަމަށެވެ. މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަށް އޭނާ ތާއީދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭނެ. ހާއްސަ ޖަލްސާތަކާ އެއްޗެހި ދައުރުން ބޭރުން ބާއްވައިގެން ކުރާ ކަންކަން އެބަ ކުރެވޭ. އެހެންވީމާ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން ހަމަ ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅިގެން ދިއުމަށް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިގޮތަށް ވިދާޅުވެފައިވާ އިރު، އެމްޑީޕީން ރޭ ބޭއްވި ޕާލިއަމެންޓް ގްރޫޕްގެ ބައްދަލުވުމުގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށާއި ވަޒީރުންނަށް ރުހުން ދިނުމާއި އެހެނިހެން ކަންކަން ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޝްވަރާ ކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން، އެއީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެއެވެ.
ގާނޫނު ބުނާގޮތުން މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. އެހެންކަމުން މިމަހުގެ 28ގެ ފަހުން ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލުމަށް ގާނޫނުގައި ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު