މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، މިއަދު ހަވީރު 4:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލެއް އޭގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ. ފުލުހުން ބުނި ގޮތުގައި، އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ އަންހެނެއްގެ އަތް ބިންދައިގެން ގޮސް، އިތުރު އަނިޔާތައް ވެފައިވެއެވެ.

މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.