ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން، ބޭރުގައި ތިބި ދިވެހިން، ރާއްޖެއަށް އަންނަން ފެށި ދުވަސްވަރެވެ. ސްރީ ލަންކާގައި ހުރި ދިވެއްސަކު މާލެއަށް އަންނަންވެގެން، އޭނާގެ ގެއިން، އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅުނު މީހަކަށް ގުޅާފައި ބުނީ، ރާއްޖެ އަންނާތީ ގެއިން ނުކުތުމަށެވެ. ގެއިން ނުކުތުމަށް އެންގިއިރު، އެޕާޓުމެންޓު ހިފި ފަރާތުން ވަނީ އެތަން 15 އަހަރަށް ކުއްޔަށް ހިފައި އެއްބަސްވުން ހަދައިފައެވެ. އެއްބަސްވުން އޮތް ނަމަވެސް ގޭގެ ވެރިފަރާތުން އެންގުމުގެ ސަބަބުން، އެޕާޓުމެންޓު ކުއްޔަށް ހިފައިގެން އުޅުނު މީހާ ޖެހުނީ އެޕާޓުމެންޓު ދޫކޮށް ދާށެވެ. އެގްރީމެންޓު ހަދައި ގާނޫނީ ހިމާޔަތެއް ލިބިދީފައިވީ ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ގޭގެ ވެރިޔާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ފައިސާއެއް އޭނާގެ އަތަކު ނެތެވެ.
"ދެން ހަމަ އަލުން އަނެއްކާ އެޑްވާންސް ދީގެން ތަނެއް ހިފީ. 12،000، އެޑްވާންސް ދީފަ ކޯޓަށް ގޮސްގެން ވަކީލަށް ދޭނެ ފައިސާއެއް ނުހުންނާނެ" އޭނާ ބުންޏެވެ.
ޝަރުއީ ދާއިރާއަކީ އަގުބޮޑު ދާއިރާއަކަށްވުމުން ކޮންމެ ކޮންމެ މީހަކަށް ވަކީލަކު އައްޔަން ކޮށްގެން ކޯޓަށް މައްސަލަ ހުށަހަޅައިގެން ހައްގު ހޯދާކަށް މަސައްކަތެއް ނުކުރެވެއެވެ. މަދަނީ މައްސަލަތަކުގައި ވަކީލުން ބޮޑު ފީއެއް ނަގައެވެ. ޝަރުއީ ދާއިރާގެ ސްޕީޑް ލަސްވުމުގެ ސަބަބުން އިންސާފު ލިބުން ލަސްވެ، އެތަކެއް ފައިސާއެއް އަތުން ހަރަދުކުރަން ޖެހެއެވެ. ބޮޑެތި ވިޔަފާރިތަކަށް، ބޮޑު އަގުގައި ފައިސާ ދީގެން ވަކީލުން އައްޔަން ކުރެވުނު ނަމަވެސް ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރީންނަށާއި އާދައިގެ މުސާރައެއް ލިބޭ މީހުންނަށް، ގާނޫނީ ކަންކަމުގައި އުޅެވޭކަށް ނޯވެއެވެ. އެހެންވެ ގިނަ މީހުން، އެހެން ދިމާވާ ކަންކަމުގައި ގާނޫނީ ފަރުވާއެއް ހޯދުމުގެ މަސައްކަތެއް ނުކުރެއެވެ.
"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ، ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އެ ގާނޫނުން ކަނޑައަޅާ ދަށު ކޯޓުތަކަށާއި، އެހެން ގާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތަކަށެވެ. ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމްކޯޓެވެ. ސުޕްރީމްކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަފަނޑިޔާރު ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
"ޤަޟާއީ އަހަރު 2024" އިފުތިހާހުކުރުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން ވަނީ މަދަނީ މައްސަލަތަކުގައި ރަނގަޅަށް ޝަރީއަތް ކުރެވި އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތުވާ މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން އައްޔަންކޮށްދޭ ކަމަށެވެ. އެފަދަ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ވަކީލުން ލިބި، އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭކަން ރަނގަޅު ނިޒާމެއްގެ ތެރެއިން ދައުލަތުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ ނިޒާމެއް މަދަނީ މައްސަލަތަކުގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިނާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
"މަދަނީ މައްސަލަތަކުގާވެސް ވަކީލަކު އައްޔަންކުރުމުގެ ގާބިލުކަން ލިބިފައި ނުވާނަމަ އެފަރާތުގެ ހައްގު ގެއްލިގެންދާކަން ފާހަގަކުރަން. އެހެންކަމުން އެފަދަ ފަރާތްތަކަށް ވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ދެމެހެއްޓެނެވި ނިޒާމެއް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން" އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި އުޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު "ވަން" އަށް ވިދާޅުވީ މަދަނީ މައްސަލަތަކުގައި ދައުލަތުގެ ހަރަދުގައި ވަކީލުން ފޯރުކޮށްދިނުމަކީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ވަރަށް މަދު ގައުމެއްގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޑިމޮކްރަސީ އެންމެ ބޮޑަށް ފައްކާވެފައިވާ ގައުމުތަކުގައި ވެސް ދައުލަތުގެ ހަރަދުގައި ވަކީލުން ފޯރުކޮށްދިނުމަކީ ކުރާ ކަމެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.
"އެގޮތަށް އެކަން ކުރަން ވިސްނައިފިނަމަ ކިހިނެއް އެކަން ކުރާނީ. ކޮން ބަޔަކަށްތޯ އެހީތެރިކަން ފޯރުކޮށްދޭނީ، ކޮންކަހަލަ މައްސަލަތަކެއްގައިތޯ ދައުލަތުން ވަކީލުން އައްޔަންކޮށްދީ އެހީތެރިކަން ފޯރުކޮށްދޭނީ. މީ ވަރަށް ބޮޑަށް ވިސްނައިގެން ވަރަށް ސިސްޓަމެޓިކް ކުރަން ޖެހޭ ކަމެއް. ރާއްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން ކުރަން ރަނގަޅު ކަމެއް ނޫން. ތި ދައްކަނީ ހަމަ ކުރިންވެސް މި ބުނި ގޮތަށް އެންމެ ކުރިއަރާފައިވާ ގައުމުތަކާއި ޑިމޮކްރަސީ ފައްކާވެފައިވާ ގައުމުތަކުގައިވެސް ނުކުރާ ކަމެއްގެ ވާހަކަ" ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވަނީ އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅާ ދެކޮޅުކަން ދޭހަވާ މޭރުމަކުން ވެސް ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ޖިނާއީ، މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދެނީ ތުހުމަތުކުރެވޭ މީހާގެ މައްޗަށް އަދަބެއް އަންނާތީ ކަމަށެވެ. އޭނާގެ ހައްގުތަކެއް ހިފަހައްޓާތީ ކަމަށެވެ. އެހެންކަމުން އޭނާގެ ހައްގުތައް ރައްކާތެރިކުރުން މުހިންމުކަން ޖަމީލު ފާހަގަކުރެއްވިއެވެ. އެއާއި ހިލާފަށް މަދަނީ މައްސަލަތަކަކީ ދެ ފަރުދެއްގެ މެދުގައި ހިނގާ ކަމަކަށް ވެފައި، މަދަނީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ޖަލު ހުކުމެއް ނާންނާތީ، ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތައް އެއް ހަމަޔަކުން އަޅައި ނުކިޔޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.
"މަދަނީ މައްސަލަތަކުގައި އަދަބެއް ދޭތޯ. ނުދޭ ދެއްތޯ. އާންމުކޮށް މަދަނީ މައްސަލަތަކުގެ ގޮތުގައި މި ހުންނަނީ ލޯނާ ގުޅޭ ކަމެއް، އެގްރީމެންޓަކާ ގުޅޭ ކަމެއް، ނޫނީ ކޮންމެވެސް އެހެންކަމެއް. އެމައްސަލަތަކުގައި އަދަބެއް ނާދޭ." ޖަމީލު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީން، އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ހިންގި މަޝްރޫއެއް، އެއްބަސްވުމާ އެއްގޮތަށް ކުރިއަށްނުދާ ކަމަށް ބުނެ، ބާތިލުކުރި މައްސަލައިގައި، ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ވަކާލާތު ކުރެއްވި ވަކީލަކު "ވަން" އަށް ވިދާޅުވީ، އިންސާފު ގާއިމުކޮށްދިނުމަކީ ގާނޫނުތަކުން، ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެއީ މަދަނީ މައްސަލައަކަށް ވިޔަސް ޖިނާއީ މައްސަލައަކަށް ވިޔަސް، ދައުލަތުގެ އެންމެ އިސް ވާޖިބާކަށް ވާން ޖެހޭނީ އިންސާފު ހޯދައިދީ އިންސާފު ގާއިމުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި މަސައްކަތްކުރި ކޭސް. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ސިވިލް ކޯޓުން ފެށިގެން، ހައި ކޯޓުން އަދި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދިޔައީ ވަރަށް ކޮންޓްރަވާސީކޮށް. ކޮންމެ ދުވަހަކުންހެން ނޫސްތަކުގައި ހަބަރުތައް ޖެހި. މަޖިލީހުން މައްސަލަ ބެލި. އެކަމަކު އެ މައްސަލައިގެ ކްލައިންޓަކީ ވިޔަފާރިއަކަށް ވެފައި ފައިސާ ހުރުމުން، ވަކީލުން ދޭން ބުނާ އަގެއްގައި ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވާނެ. އެކަމަކު އެފަދަ ތަނަވަސްކަމެއް ކޮންމެ މީހަކަށް ނުލިބޭނެކަން ދައުލަތަށް އެނގެންވާނެ" ވަކީލު ވިދާޅުވިއެވެ.
އިންސާފު ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު ޒިންމާކަމަށްވުމުން، މަދަނީ މައްސަލަތަކުގައި މާލީ ފުދުންތެރިކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި ވަށައިޖެހޭ އިންސާފެއް ގާއިމު ކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރާ ކަމަށް ވަނީ އެއިރުން ކަމަށް ވަކީލު ވިދާޅުވިއެވެ. ޖިނާއީ މައްސަލަތަކުގައި ރެގިއުލޭޓެޑް އުސޫލަކުން ވަކީލުން ހަމަޖައްސައިދޭ ގޮތަށް މަދަނީ މައްސަލަތަކުގައި އެކަން ނުކުރެވެންވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
"މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވެސް ނެތް ވާހަކައެއްގެ ކޮމެންޓެއް ހޯދަން ތިގުޅީ. ގާނޫނު ޑްރާފުޓުކޮށް، ބަހުސްކުރިއިރު ތީގެ ވާހަކައެއް ދެއްކި ކަމެއްވެސް އަޅުގަނޑަށް އެނގިފައެއް ނުވޭ. މަދަނީ ބޮޑެތި މައްސަލަތުގަ އެންމެ ހައި ކޭސް ތަކުގައި އަޅުގަނޑު ވަކަލާތުކުރަން. އެކަހަލަ ވާހަކައެއް ދެއްކިނަމަ އަޅުގަނޑުމެންނަށް އެނގޭނެ. އެންމެ ކުޑަމިނުން އެޓާނީ ޖެނެރަލް އޮފީހުން ވެސް ތިވާހަކައެއް ނުދައްކާ. އެކަމަކު އޭޖީން ބުނީ އެއީ ފައްކާ ގާނޫނެއް ކަމަށް. ބިލް ފާސްކޮށް ސެލެބްރޭޓްވެސް ކުރި ޓުވިޓާ ތެރޭގަ" ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި އެފަދަ ކަމެއް ބަޔާންކޮށްފައި ނެތުމަކީ އެއީ ގާނޫނަށް ލިބޭ އުނިކަމެއް ކަމަށެވެ. މަދަނީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަންކޮށްދޭނީ ކޮންކަހަލަ މައްސަލަތަކެއްގައިކަމާއި އެކަން ކުރާނެ ރޭވުންތެރި ގޮތެއް، މޮނިޓާކުރާނެ ގޮތްތަކަކާއެކު ގަވާއިދެއް ނުވަތަ އުސޫލެއް ނެހެދެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން، އިންސާފު ހޯދަން ނުދެވުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށް އެ ވަކީލު ވިދާޅުވިއެވެ. އެއީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހަގީގަތަކީ އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ފަދައިން، މަދަނީ މައްސަލަތަކުގައި އިންސާފު ހޯދަން ބޭނުންވި ނަމަވެސް ވަކީލުންގެ އަގުބޮޑުވުމުގެ ސަބަބުން، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަން މީހުން ބޭނުންނުވަނީއެވެ. ހައްގެއް ގެއްލިގެން ދާއިރު ނުވަތަ ތިމާއާމެދެ އިންސާފުން ބޭރުން، ގާނޫނީ ހަމަތަކުގެ ބޭރުން، ކަމެއް ދިމާވެގެންދާއިރު އިންސާފު ހޯދަން ދިއުމުގެ ކަންކަން ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ގޮތެއް ހަމަަޖައްސައިދޭން ޖެހެއެވެ. އެއީ މުހިންމު ކަމެކެވެ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެކަން ކޮށްދިނުމަކީ މުހިންމު ކަމެކެވެ.
އުއްތަމަ ފަނޑިޔާރު އެފަދަ ވާހަކަފުޅެއް ދައްކަވާނީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނަވައި އެކަމުގެ ހައްސާސްކަން ބޮޑުވުމުން ކަމަށް ގަބޫލުކުރާން ޖެހެއެވެ.
ރާއްޖޭގައި ވަކީލުން ގިނައެވެ. ކޮންމެ އަހަރަކު ވަކީލުކަމުގެ ސަނަދު ހޯދައި، ޝަރުއީ ދާއިރާއަށް ނުކުންނަ ޒުވާނުން ގިނައެވެ. ނަމަވެސް ޝަރުއީ ދާއިރާގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ސަބަބުންނާއި، އިތުބާރު ކުރެވޭ ދަރަޖައަކަށް ދިޔުމަށް އެ މީހުންނަށް ދަތިތަކެއް ހުރެއެވެ. ވަކީލުންނަށް ފަސޭހައިން ވަކާލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ ނަމަ އަދި މަތީ ކޯޓުތަކުގައި ވަކާލާތު ކުރުމަށް ހުއްދަ ދޭ އުސޫލަށް ލުއިތަކެއް ގެނެސްފިނަމަ، މާލީ ތަނަވަސްކަން ނެތް މީހުންނަށް ކުޑަ އަގެއްގައި ވަކީލުން އައްޔަންކޮށްގެން، އިންސާފު ހޯދަން، ކޯޓުތަކަށް ދެވޭނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ އަަދުލުއިންސާފާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތައް ހުރީ، ޝަރުއީ ދާއިރާގެ އަގުބޮޑުވުމުގެ ސަބަބުން، މީހެއްގެ ހައްގެއް ގެއްލުނަސް އަދި އިންސާފެއް ނުލިބުނަސް "އޯކޭ" ވާ ގޮތަށް ބައްޓަންކޮށްފައެވެ.
ނަމަވެސް އެފަދަ ގާނޫނުތައް ހަދަނީ ހުރިހާ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ ބޭނުމުގައެވެ. ހައްގުތައް ގެއްލުނު ނަމަވެސް ހައްގު ހޯދަން ދެވޭނެ މަގު ފަހިކޮށް ދިނުމަށެވެ. މަދަނީ މައްސަލަތަކުގައި ހަގީގީ އިންސާފފު ހޯދުމަށް ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ބޮޑު އަގުގައި ވަކީލުން ހޯދައިގެން، ދިގު މުއްދަތަށް ކޯޓުތަކުގެ ދޮރުތަކުގައި ޓަކި ޖެހުމެވެ. މިއަށް ހައްލެއް ހޯދެން ޖެހެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް