ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން އިނގުރައިދުއާއި މީދޫގެ އިތުރުން ދުވާފަރު މޮޅުވެއްޖެއެވެ.
ރ. އަތޮޅުން މިފަހަރު ހަތް ޓީމު މި މުބާރާތުގައި ވާދަކުރާ އިރު، އަތޮޅު ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ އެންމެ މޮޅު ދެޓީމު ސެމީ ފައިނަލް ކުޅޭ ގޮތަށް ނޮކްއައުޓް ރޭވިފައިވާ އިރު، ރޭ އެންމެފަހުގެ ޗެމްޕިއަން އިނގުރައިދޫން ފައިނު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ މުބާރާތަށް އިނގުރައިދޫ ނުކުތީ ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، ރަށު ޓީމުގެ ކެޕްޓަން އަލީ ހާފިޒު (ހާއްޕެ) އާ ނުލައެވެ. އެއީ ހާއްޕެއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ހާއްޕެއާ ނުލައި ރޭ ނުކުތް އިނގުރައިދޫގެ ގޯލުތައް އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިނގުރައިދޫގެ ކެޕްޓަން އަހުމަދު އައިހަމް (އައިހު) އާއި އަހުމަދު މަޝީދުގެ އިތުރުން އިސްމާއީލް ޝައިހާނެވެ. ޝައިހާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެ މެޗަކީ ރ. އަތޮޅު ގްރޫޕް ދޭއްގެ މެޗެކެވެ.
ރ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗު ރޭ ކުޅެފައިވާ އިރު، ދުވާފަރުން އަލިފުށި ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ދުވާފަރުގެ އިސްމާއީލް އީސަ (މެސީ) މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ހަސަން އަޒްމޫން އަލީއާއި މޫސާ މުޒާހު މުހައްމަދެވެ.
އެ ގްރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި މީދޫން ވަނީ 3-0 އިން މަޑުއްވަރި ބަލިކޮށްފައެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ މާޖިދު އަބްދުލްގަފޫރާއި މުހައްމަދު އަނާމް އަދި އިބްރާހީމް ނައީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މީދޫގެ ޝަމްވީލް މުހައްމަދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް