ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ހދ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން، ނޮޅިވަރަންފަރާއި ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ މޮޅުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ކުޅެމުން އަންނައިރު، ހދ. އަތޮޅުން މިފަހަރު ވަނީ 11 ޓީމަކުން ވާދަކޮށްފައެވެ. އެ އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ނޮކްއައުޓަށް ދާނީ ޖުމުލަ 8 ޓީމެވެ.
ހދ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ފިނޭ ކައިރިން 4-0 އިން ހަނިމާދޫ މޮޅުވި އިރު، އެ މެޗުގައި ހަނިމާދޫގެ ގޯލުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާލިފް އިބްރާހީމާއި ހުޒާމް އަބްދުލް ރަހީމްގެ އިތުރުން އަބޫބަކުރު ސިއްދީގާއި ނައުފަލް އަބްދުލް ރައޫފެވެ.
އެ ގްރޫޕްގައި ރޭ ވައިކަރަދުއާއި މަކުނުދޫ ކުޅުނު މެޗު 3-2 މަކުނުދޫ މޮޅުވި އިރު، ވައިކަރަދޫގެ ދެ ގޯލު ޖަހައިދިނީ އިބްރާހީމް އަގީލެވެ. މަކުނުދޫގެ ގޯލުތައް ޖަހައިދިނީ ޒިދާން އަހުމަދާއި އިބްރާހިމް ސާވީއެވެ. ޒިދާން މެޗުގައި ދެ ގޯލު ޖެހިއެވެ.
ހދ. އަތޮޅު ގްރޫޕް ދޭއްގައި ރޭ ނޮޅިވަރަންފަރުން ވަނީ 6-1 އިން ކުޅުދުއްފުށި ބަލިކޮށްފައެވެ. އެމެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އެވެ. އިއްބެ ހެޓްރިކް ފުރިހަމަ ކުރި އިރު، ދާދު ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން އެޓީމުގެ ގޯލު ޖެހީ އަލީ ހުސައިންނެވެ. ކުޅުދުއްފުށީގެ ގޯލު ޖެހީ އަސްވަދު ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔައީ ދާދު އެވެ.
ދެން އެ ގްރޫޕުގައި ރޭ ކުޅުނީ ފޯރިގަދަ މެޗެކެވެ. އެންމެ ފަހުގެ އަތޮޅު އަދި ޒޯން އެކެއްގެ ޗެމްޕިއަން ނައިވާދުއާއި ނޭކުރެންދޫ ވާދަކުރި މެޗު 3-2 އިން ކާމިޔާބު ކުރީ ނައިވާދުއެވެ. ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ މުހައްމަދު ޝާއިން އެވެ.
ނޭކުރެންދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ވިލްފާއާއި މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ.
ހދ. އަތޮޅު ގްރޫޕް ތިނެއްގައި ރޭ ނެއްލައިދޫން 2-1 އިން ނޮޅިވަރަމް ބަލިކުރި އިރު، ނެއްލައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ފާރިސްއާއި ހުސައިން ހާފިޒެވެ. ނޮޅިވަރަންގެ ގޯލު ޖަހައިދިނީ ޔާމީން މުހައްމަދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް