ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަން މިއަދު ރަސްމީކޮށް ފޯމު ހުށަހަޅުއްވައިފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމަށް އިއްޔެ ވަނީ ރައީސްކަން ގެއްލިފައެވެ. އެއީ ނުވަ މެމްބަރުންގެ އެކްސްކޯއަކުން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން، ކޯރަމް ގެއްލުމުންނެވެ.
ޓޮމް މިއަދު ރަސްމީކޮށް ފޯމު ހުށަހަޅުއްވާފައި ވަނީ ބައެއް ކްލަބުތަކުގެ އެންޑޯސްމަންޓާއެކުގައެވެ. ޓޮމް ވަނީ އޭނާގެ ފޯމް ސެޓުގެ ތަފްސީލުވެސް ހާމަކުރައްވައިފައެވެ.
- ރައީސް: އަހުމަދު ތާރިގު
- ނައިބު ރައީސް: އިމްރާން މުހައްމަދު (ކީޕަރު)
- ނައިބު ރައީސް: ހުސައިން ޝާފިއު (ކޮކީ)
- މެންބަރު: އަހުމަދު ޝާހިރު (ކުރީގެ އެފްއޭއެމްގެ އިންޓަރިމް ރައީސް)
- މެންބަރު: އަބްދުލްހަމީދު އަބްދުލް ގަފޫރު (ކުރީގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ)
- މެންބަރު: އުލާ އިބްރާހިމް (މަހިބަދޫ ސކ)
- މެންބަރު: މުހައްމަދު މިފްތާޙު (ޓީސީ)
- މެންބަރު: އަލީ ރިޒްވާން
- މެންބަރު: އަބްދުﷲ ނާސިހް
ޓޮމް ހުށަހެޅުއްވި އެކްސްކޯގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)ގެ ނަން ހިމަނާފައިވާ އިރު، ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ. އަދި އޭގެ އިތުރުން ސޭވް އެފްއޭއެމްގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހާމިދުގެ ނަންވެސް ފާހަގަވެގެން ގޮސްފައިވެއެވެ.
ޓޮމް ވަނީ މީގެ ކުރިން އެފްއޭއެމްއަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ. ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮމް އަކީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
ރާއްޖޭގައި ކްލަބް އަދި ގައުމީ ފެންވަރުގައި މޮޅަށް ފުޓްބޯޅަ ކުޅުމަށްފަހު ޓޮމް ވަނީ ކުލަބުތައް ހިންގުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީކަމާއި އެކުލަބުގެ ތަފާތު މަގާމުތައް އޭނާ ވަނީ ފުރުއްވާފައެވެ. އަދި އަމިއްލަ ރަށް އދ. މަހިބަދުއަށް ނިސްބަތްވާ ކުލަބެއް އުފައްދަވައި، އެ ކުލަބު ތިންވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެންގޮސްދެއްވިއެވެ. އޭގެ އިތުރުން ކުލަބު އީގަލްސްގެ ވައިސް ޗެއާމަންކަންވެސް ޓޮމް ކުރެއްވިއެވެ.
އޭގެފަހުން އެފްއޭއެމްގެ ރައީސްކަން ޓޮމް ކުރައްވާފައިވާ އިރު، އެ މަގާމުން ޓޮމް ދުރުވާންވެސް ޖެހުނެވެ. އެއީ ބައްސާމް، ޖެނެރަލް ސެކްރެޓަރީ ކަމުން ވަކިކުރުމުގެ މައްސަލައަކާ ގުޅުވައިވެސްގެންނެވެ. ޓޮމްއަށް އެފްއޭއެމް ރައީސްކަން ފުރަތަމަ ގެއްލުނީ މަގާމުގައި އެންމެ ތިން މަސްވީތަނާ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާދިނުމުންނެވެ. އެ މެންބަރުން އިސްތިއުފާ ދިނީ ޓޮމް އެސޯސިއޭޝަން ހިންގަވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ބުނެއެވެ. އޭރު ޖީއެސްގެ މަގާމުގައި ހުންނެވި ބައްސާމް މަގާމުން ވަކިކުރުމުން، އެ މައްސަލައިގައި ފީފާއިން ޓޮމްގެ ނިންމުން އަލުން މުރާޖާކޮށް ބައްސާމަށް ވަޒީފާ ދޭން އެންގިއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް