ޕްރައިމަރީއަކާ ނުލައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ޓިކެޓް ދޭން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފިއެވެ.
ހުސްވެފައިވާ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގެ އަދި ހުސްވެފައިވާ ކައުންސިލްގެ ތިން މެމްބަރުކަމުގެ މަގާމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމް/ޕީއެންސީން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން މޭޔާ ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވަފައިފައި ވަނީ އާޒިމާ ޝުކޫރް" ޕީޕީއެމުން މިއަދު ބުންޏެވެ.
އިތުރު ފަރާތަކުން މޭޔަރުގެ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާފައިނުވާތީ އެ ކޯލިޝަންގެ ޓިކެޓު ލިބިވަޑައިގަންނަވާނީ އާޒީމާ އަށެވެ.
މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމާ ފޯމު ހުށަހަޅުއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޕީޕީއެމް/ޕީއެންސީގެ އާ އޮފީހުގެ ރޭ ބޭއްވި ކުޑަ ހަފުލާއެއްގައި އާޒިމާގެ ފޯމު ހަވާލުކުރެއްވީ ޕީއެންސީފެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) އާއެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްކަމުގެ ހުވައިކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13އަށް ހަމަވާނެއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށެވެ. އެ މަގާމަށް މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު