ހުސްވެފައިވާ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގެ އަދި ހުސްވެފައިވާ ކައުންސިލްގެ ތިން މެމްބަރުކަމުގެ މަގާމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމް/ޕީއެންސީން ހުޅުވާލައިފިއެވެ.

ޕީޕީއެމުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މޭޔަރު، މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދާއިރާ އަދި ހެންވޭރު އަންހެނުންގެ ހާއްސަ ގޮނޑީގެ މެމްބަރުން އިންތިހާބު ކުރުމަށް އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންސްގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޯލިޝަންގެ ޕްރައިމަރީ މިމަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގެ މޭޔަރު މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދާއިރާ އަދި ހެންވޭރު އަންހެނުންގެ ހާއްސަ ގޮނޑީގެ މެމްބަރުންގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ މީހުން އެ ފުރުސަތު އިއްޔެއިން ފެށިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ތެރެއިން އެ މަގާމުތަކުގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު މިމަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ޕީއެންސީ އޮފީހަށް ހުށަހެޅުމަށް ނުވަތަ [email protected] މެއިލް ކުރަންވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް އެ ކޯލިޝަންގެ ދެ ޕާޓީގެ ތެރެއިން ޕާޓީއެއްގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީގައިވާ މީހުންނަށް ކަމަށް ޕީޕީއެމުން ބުންޏެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު ނޮވެމްބަރު 17، ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށްޓަކައި ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން، މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފައެވެ.