ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށް ދައުލަތުން ބުނެފިއެވެ.

އާރަށު މައްސަލާގައި ކުރި ދައުވާތައް ސާބިތުވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި ދައުލަތުން ބުނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ޔާމީނަށް 30 ދުވަހުގެ މުއްދަތެއް ދިން ކަމަށާއި އެ މުއްދަތުގައި އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމައި ޝަރީއަތް ފަށަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ 30 ދުވަސް ގުނުމުގައި ދައުލަތުން މާނަކުރައްވާ ގޮތް ސާފުކޮށް ދިނުމަށް އެދިފައެވެ. ޖަވާބުގައި ދައުލަތުން ބުނީ، ސީދާ އެ 30 ދުވަސް ގުނާގޮތް މަނާކޮށް، އެ މުއްދަތު ހަމަވާނެ ދުވަސް ބުނަން ދަތި ކަމަށެވެ.

"އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކޮށްފައިވާ އޮތް ގޮތަށް މައްސަލައެއް އެންމެ އައިޑިއަލީ ހިނގަންވީ ގޮތަކަށް ނޫން ގިނަ މައްސަލަތަކުގައި މި ހިނގަނީ. މި މައްސަލައިގައިވެސް އެންމެ އައިޑިއަލީ ހިނގަންވީ ގޮތަކަށް ނޫން ހިނގާފަ އޮތަކީ. އެހެންވީމާ މި ދަންނަވަނީ ޖިނާއީ އިޖުރާއަތުގެ 116 ވަނަ މައްދާގަ އެބަ ބަޔާންކުރޭ ޝަރީއަތް ހިނގާނެ ގޮތުގެ ތާވަލެއް އެކުލަވާލައި ދެ ފަރާތަށް ތާވަލު ހަވާލުކުރަންވާނެ ކަމަށް. އެފަފަ ތާވަލެއް ހަދާފައި ނެތްކަމުގައިވާނަމަ ޝަރީއަތް ފެށޭނެ ދުވަހަކީ ކޮން ދުވަހެއްކަން މައްސަލައިގެ ހަސްމުންނަކަށް ކުރިއާލާ އެނގިފައެއް ނޯންނާނެ،" ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންވާ ހުޒައިފާ މުހައްމަދު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ގާނޫނާ އެއްގޮތަށް ދީފައިނުވާ ނަމަ އެކަމުގެ ސަބަބުން މައްސަލައިގެ ނިމުމަށް އަސަރެއް ކުރާނެތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އެ ފަރާތުން އެދިފައިވަނީ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ބެލުމަށާއި ހޯދުމަށް ކަމަށެވެ. އެފަދަ އެއްޗަކީ ދިފާއަށް ދޭންޖެހޭ އަދި ދައްކަންޖެހޭ އެއްޗެހި ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށާއި ނަމަވެސް ދައުލަތުން ލިޔެކިޔުންތައް ދީފައިނުވާ ކަމަށް ވިދާޅުވިއެވެ.

ސިޔާޒު ވިދާޅުވީ، އެކަމުގެ ސަބަބުން އިތުރަށް ހުށަހަޅަންވީ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދިފާއަށް ގެއްލިގެން ދިޔައިރު، ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ވަކި ހިސާބަކުން ދައުލަތުން އާ ހެކިތަކެއް ހުށަހެޅި ކަމަށެވެ. ނަމަވެސް ދިފާއުގެ ފަރާތުން ޝަރީއަތުން ކުރިން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ތަހުގީގީ ރިޕޯޓް ބަލަން ފުރުސަތު ލިބުނު ނަމަ، ދައުލަތުން ހުށަހެޅި އެ ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުގައި ވާހަކަތަކެއް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ހަގީގަތުގައި މައްސަލައިގެ ދިފާއުވުމަށްޓަކާ ބޭނުންވާ ލިޔެކިޔުންތައް ހޯދާ އެ ހުށަހެޅުމުގެ ފުރުސަތު މި އޮތީ ގެއްލިފައި. އަދި ގާނޫނުއަސާސީގެ 60 ވަނަ މާއްދާގެ ދަށުން ދައުވާ ބާތިލުވާފަދަ ހުށަހެޅުމެއް، ހުށަހެޅުމުގެ ފުރުސަތުވެސް އެ ގެއްލިގެން ދިޔައީ މިކަމުގެ ސަބަބުން،" ސިޔާޒް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އާންމު އިޖުރާއަތުގެ ދަށުން ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ ގޮތާގުޅޭ ގޮތުން ދެ ފަރާތާ ސުވާލުކުރައްވައިފައެވެ. އަދި ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ހެދި ގޯހަކާ ގުޅޭ ގޮތުންވެސް ސުވާލު ކުރެއްވިއެވެ.

އެގޮތުން ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ރިޕޯޓުގައި ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ދޭހަވާ ބައެއް ހިމަނައިފައިވާތީ، އެކަމާ ގުޅިގެން ފަނޑިޔާރު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ، އެކަމުގެ ސަބަބުން ޔާމީނަށް އިއްވާފައިވާ ހުކުމަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު މިއަދު އަޑުއެހުން ބޭއްވުމަށްފަހު، ވަނީ ޝަރީއަތް އެހެން ދުވަހަކު ބާއްވާނެކަން އަންގައި ނިންމާލައިފައެވެ.