ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި ފެކްޝަނެއް އުފެދުނެވެ. އެ ފެކްޝަނުން އުފެދުނީ ޕީޕީއެމްއެވެ. ޑީއާރްޕީގައި އެއިރު ތިބި، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ތާއީދުކުރެއްވި ވަރަށް ގިނަ ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެފަހުން ޕީޕީއެމްގެ ތެރެއިން ޕީއެންސީ އުފެއްދިއެވެ. ޔާމީނަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ތިއްބެވީ ޔާމީންގެ އެދިވަޑައިގަތުމުގެ މަތީން ޕީޕީއެމްގައެވެ. ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވަޑައިގެންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކުގައެވެ. އެ ކޯލިޝަނުގެ މައި ތަނބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެ ތަނބުގައި ރެނދުލައި ވެއްޓެން ދިޔައިރު ހިފަހައްޓައިދިނީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމެވެ. ޔާމީން އެންމެ ބޮޑަށް އިތުބާރުކުރައްވަނީ އަބްދުއްރަހީމަށެވެ. ޕީޕީއެމް/ޕީއެންސީ ހިންގުމުގެ ހުރިހާ މަސައްކަތެއް އަބްދުއްރަހީމާ ހަވާލުކުރެއްވިއެވެ. ކުރައްވާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ޔާމީން އެޅުއްވި ހުރިހާ ފިޔަވަޅެއްގައި ދެގޮތެއް ނުވެ އަރިހުގައި ހުންނެވީ އަބްދުއްރަހީމެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް ގޭ ބަންދަށް ބަދަލުކޮށް، އަދި މި ހަފުތާގައި ބޭސްފަރުވާއަށް ގެއިން ބޭރަށް ނުކުމެވޭ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ދިން ލުޔާއެކު ޔާމީން ދެ ފަހަރެއްގެ މަތިން ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. ސަޕޯޓަރުންނާ ވާހަކަފުޅު ދެއްކެވިއިރު ވެސް ޔާމީން، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅެއްގެ ވާހަކައެއް އަދި އެއިން ބޭފުޅެއްގެ ނަމެއް ނުގަންނަވައެވެ. އެ ބައްދަލުވުމުގެ އެއްވެސް ފޮޓޯއަކުން ޔާމީންގެ "ފްރޮންޓްލައިން މީހުން" ނުފެނެއެވެ. އެ ދެ ބައްދަލުވުމުން އަބްދުއްރަހީމް އަދި މުއިއްޒު ފެނިވަޑައިނުގަތުމުން، ޔާމީން އެކަހެރިކޮށް ބާކީ ކޮށްލައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކައެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ސެނެޓުގެ ބައެއް މެންބަރުން ހިމެނެއެވެ. ތުހުމަތުތައް އަމާޒުވަނީ އަބްދުއްރަހީމް އިސްވެ ހުންނަވައި ޔާމީން އެކަހެރިކޮށްލައި ސިޔާސީ ނުފޫޒު ހޯދަން އުޅުއްވާ ކަމަށެވެ.

"ޔާމީން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށް އަޅުގަނޑުމެން ބައިވެރިނުވި ވާހަކަ. އެކަން ވެގެންދިޔަ ގޮތް ސާފުކޮށް މި ކިޔައި ދެނީ. ޔާމީން ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ބައްދަލުކުރެއްވިއިރު، އަޅުގަނޑުމެންވީ ޖެން ހޮޓަލްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަތް އިވެންޓެއްގައި، ދެވަނަ ފަހަރަށް ރައީސް ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރެއްވި ރޭ، އަޅުގަނޑުމެން ތިބީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ފުރާވަޑައިގަންނަވާތީ އެ މަނިކުފާނާއެކު އެއާޕޯޓުގައި. ދެން ޝިޔާމް ހުރި ރައީސް ޔާމީނާއެކު އެ ބައްދަލުވުމުގައި، ހުރުމަށްފަހު ރައީސް ޔާމީންގެ ހުއްދަ ހޯދައިގެން، ޝިޔާމް ވަޑައިގަތީ އެއާޕޯޓަށް" އަބްދުއްރަހީމް "ވަން" އަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް "ވަން" އަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ޔާމީނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޔާމީން އާއި މުއިއްޒު ނުވަތަ ކޯލިޝަން މެދުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ބައްދަލުވުމަށްފަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ހުރިކަމަށް، އިތުބާރު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީނާ ދެކޮޅަށް ބަގާވާތެއް އަދި ޔާމީނާ ދެކޮޅަށް އެއްވެސް ސިޔާސީ މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށާއި އޭނާގެ ހިތް ޔާމީނަށް ސާފު ކަމަށާއި އަބަދުވެސް ޔާމީނަށް ވަފާތެރިވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ޔާމީނަށް ވާދަ ނުކުރެވޭ ގޮތްވުމާއެކު ޕީއެންސީގެ ރިޔާސީ ޓިކެޓު ޑރ. މުހައްމަދު މުއިއްޒު ލިބިވަޑައިގަތެވެ. އަބްދުއްރަހީމް ދުރާލައި ރާވައި، މުއިއްޒަށް ޓިކެޓް ހޯދައިދިނުމަކީ ޔާމީނާ ދެކޮޅަށް ބަގާވާތެއް ހިންގުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ. އަބްދުއްރަހީމްގެ ބޭނުމަކީ ޕީޕީއެމް އެކަހެރިކޮށް، ޔާމީން އެކަހެރިކޮށް އަދި ޕީއެންސީ ޖަހައިގަތުން ކަމަށް ވެސް ބަޔަކު ތުހުމަތުކުރިއެވެ. މިއީ، އަބްދުއްރީމުގެ ވަފާތެރިކަމާމެދު ސުވާލު އުފައްދާ ބައެއް މީހުންގެ ވާހަކައެވެ.

"ސުޕްރީމް ކޯޓުން، ރައީސް ޔާމީނަށް ވާދަނުކުރެވޭނެކަމަށް ނިންމެވީ، އެންމެ ފަހުވަގުތާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ރައީސް ޔާމީނާއެކު. ވާދަ ނުކުރެއްވޭ ގޮތްވުމުން، ރައީސް ޔާމީން އެންގެވީ ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް. އެހެންވެ މުއިއްޒު ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން. ޔާމީން އެންގި ގޮތަށް އަޅުގަނޑުމެން މަސައްކަތްކުރީ. ދެން މުއިއްޒު، މި ކަނޑައެޅުއްވީ ރަނިންމޭޓަކަށް ހުސެއިން މުހައްމަދު ލަތީފު. އެއިރު ހުސެއިން ހުރީ ޕީޕީއެމްގައި. ދެން ރައީސް ޔާމީން އެންގެވީ ރަނިންމޭޓަކީ ވެސް ޕީއެންސީގެ މީހަކަށް ވާން ޖެހޭނެ ކަމަށް. އެހެންވެ ހުސެއިން މުހައްމަދު ލަތީފު، ޕީއެންސީއާ ގުޅިވަޑައިގަތީ، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން، ޔާމީން ބޭނުންފުޅުވި ގޮތަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއިއްޒަށް ޓިކެޓް ލިބުމަކީ ދުރާލައި ރާވައިގެން ހިންގެވި ކަމެއްނޫން ކަމަށެވެ.

އަބްދުއްރަހީމްގެ ނިޔަތާމެދު ބައެއް މީހުން ޝައްކު އުފައްދާފައި ވަނިކޮށް، ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމްއާއި ޕީއެންސީއަކީ އެއް ފިކުރެއް ކަމަށެވެ. ޕީޕީއެމްގެ މެންބަރުން، ޕީއެންސީއަށް ދާން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ. ޔާމީންގެ އެ ވާހަކަތަކަކީ ޕީޕީއެމް/ޕީއެންސީ ނުވަތަ ޔާމީނާއި، މުއިއްޒާ ދެމެދު ހިޔާލުތަފާތުވުމެއް އުފެދިފައިވާ ކަން ދޭހަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު މާނަކުރެއެވެ.

"އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ޕީއެންސީއަކީ މެންބަރުންގެ އަދަދު މަދު ޕާޓީއަކަށް ވުމުން، ޕާޓީއަށް މެންބަރުން އިތުރުކުރަން. އެއީ ހުވާކުރެއްވުމުގެ ކުރިން ޕާޓީ އުވާލާނެކަމަށް ވިސްނަވާފަ، އެފަދަ ކަމެއްވިޔަ ނުދިނުމަށް. އިންތިހާބީ ރައީސް އެންގެވީ ޕީއެންސީއަށް މެންބަރުން އިތުރުކުރާއިރު، ޕީޕީއެމް މެންބަރުން، ޕީއެންސީއަށް ވައްދައިގެން ނުވާނެ ކަމަށް. އެހެންވެ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަކަށް ނުވައްދަން. އެހެންވުމުން މިނުވާނެ ދެއްތޯ ޕީޕީއެމް ނިކަމެތިކޮށްލައި، ޕީއެންސީ ވަރުގަދަކޮށް، ހޯދަން އުޅޭ ސިޔާސީ ފައިދާއަކަށް. މި ދެ ޕާޓީ އޮންނާނީ އަބަދުވެސް އެކުގައި" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީން އެހެން ވިދާޅުވި އިރު، ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ބޮޑު އަގުލަބިއްޔަތަކުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޕީއެންސީއަށް ސޮއިކުރަމުންނެވެ.

އަބްދުއްރަހީމް ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒުގެ ނަން ބޭނުންކުރައްވައިގެން ސިޔާސީ މަންފާއެއް ހޯދުމަށް އޭނާއަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރަނީ 10 އަހަރުވާން ކައިރިވެފައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ރޫޅައިލުމަށެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަތަކުން ޕީޕީއެމް/ޕީއެންސީ ކޯލިޝަން ނުގުޑާނެ ކަމަށާއި ޔާމީނާއި މުއިއްޒާ ދެމެދު ހިޔާލުތަފާތުވުމެއް ނުއުފެއްދޭނެ ކަމަށެވެ. އަދި ޔާމީން، މުއިއްޒަށް ކުރައްވާ އިތުބާރު ވެސް ގުޑުވައި ނުލެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ދެން އޮތީ ބަލާން ތިބުމެވެ. ސިޔާސީ މަޝްރަހުގެ ދިރާސާވެރީން ބުނަނީ ރައީސް ޔާމީންގެ ޕްރެޝަރުގެ ރާޅުތައް މުއިއްޒުގެ ވެރިކަމުގެ މައްޗަށް ނަގާނެ ކަމަށެވެ. އެއިން ސަލާމަތްވެ "ހަމަޖެހިލައިގެން" ވެރިކަން ކުރެއްވޭނީ މުއިއްޒު ވަރަށް "ސްމާޓް" ވެގެން ކަމަށް ވެސް އެބަ ބުނެއެވެ.