ތިލަފުށި ފޭސް 2 ގެ އޭރިއާ ބީ ހިއްކާ ނިންމައި، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ އާބަންކޯއިން މިއަދު ބުނީ، ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައެޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަމަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ 39.6 ހެކްޓަރުގެ ސަރަހައްދެކެވެ.

އާބަންކޯއިން ބުނީ އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ބުންޏެވެ. އެގޮތުން އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 71.5 ހެކްޓަރުގެ ސަރަހައްދެއް ކަމަށްވެސް އެ ކޯޕްރެޝަނުން ބުނެއެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓާ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވާ ކަމުގައިވެސް އެ ކޯޕްޜޭޝަނުން ބުންޏެވެ.

މިކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގުތިސޯދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށާއި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅިފަޅު ތިލަފުއްޓާ ގުޅުވާލެވުމުން މި ސަރަހައްދަށް އިގުތިސޯދީ ގޮތުން އިންގިލާބީ ބޮޑު ކުރި އެރުންތަކެއް އަންނާނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ނިމިދިޔަ މަހުގެ 17 ވަނަ ދުވަހުގައެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ ހަ ސަރަހައްދެއް ހިއްކަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން އޭރިއާ ސީ އަދި އޭރިއާ ޑީ ވަނީ ހިއްކާ ނިންމާލައިފައެވެ. ސްރީ ލަންކާގެ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން އޭރިއާ ސީން 20 ހެކްޓަރު އަދި އޭރިއާ ޑީން 9.6 ހެކްޓަރު ވަނީ ހިއްކައިފައެވެ.