މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ބަދަލުގައި، މަޖިލީހުގެ ރިޔާސަތުގައި އެހެން މެންބަރަކު ބަހައްޓަވައިގެން، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން އެދިއްޖެއެވެ.
މަޖިލީހުގެ މިއަދު އެޖެންޑާގައި ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ހިމަނާފައިވިޔަސް، އީވާ ސަލާމުގައި ހުރުމުން އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އީވާ އާލާސްކަންފުޅާ އުޅުއްވާތާ ވަނީ ދުވަސްކޮޅެއްވެފައެވެ.
ނަމަވެސް ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ވަނީ އެފަދަ ހާލަތަކަށް ގާނޫނީ ފަރުވާއެއް ހޯދައިދީފައި ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހިމެނެއެވެ.
ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އީވާގެ ބަދަލުގައި އެހެން މެންބަރަކު ބަހައްޓައިގެން، ނަޝީދުގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް، އެމްޑީޕީގެ ފަރާތުން ރަސްމީ ގޮތެއްގައި އެދިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ބައެއް މެންބަރުން އެގޮތަށް ވާހަކަދައްކަވާފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ. އެގޮތަށް ކަނޑައަޅާ މެންބަރަކީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ. އެ މެންބަރަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކުރީ ބައިގައި ކަނޑައަޅާފައި ނުވާނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ދެވަނައަށް އެންމެ ގިނަ ދުވަހު މެންބަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ނަޝީދު އަދި އީވާ ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ކޮން މެންބަރެއްކަން ކަނޑައަޅައިފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އެ ހާލަތުގައި ރިޔާސަތު ބަލަހައްޓާފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު