ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމަށްފަހު، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވިދާޅުވީ، ހުޅުމާލޭއަކީ މާލޭގެ އެއްބައި ކަމަށާއި ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މިހާރުވެސް ދެމުން އަންނަނީ އާބަންކޯއިން ކަމަށެވެ.
"މިހާތަނަށް ކުންފުންޏަކުން ދެމުންދާ، އާބަންކޯއިން ދެމުންދާ ހިދުމަތްތައް އަޅުގަނޑުމެން ހަމަ ފުރަތަމަ ކޮޅު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކުރާ އެއްކަމެއްގެ ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުކުރާނަން،" މާލޭގެ މޭޔަރުކަމުގައިވެސް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ އިދާރީ ގޮތުން ދޭން ޖެހޭ، އެހެންނަމަވެސް މިހާތަނަށް ކައުންސިލާ ހަވާލުނުކޮށް ހުރި ހުރިހާ ހިދުމަތްތައް ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
"އެގޮތަށް ބަދަލުކުރާއިރުގައި ހަމަ އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކަކާ އެކީގައި ހަމަޖައްސާނަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް، ހުޅުމާލޭގެ ދެ ފިޔަވަހީގައި އެކަށީގެންވާ ޕާކިން އިމާރާތްތަކެއް ހަދާނެ ކަމަށެވެ. އަދި އެއީ ހާއްސަ އިސްކަމެއް ދީގެން ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ކުރައްވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު