މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ވަގުތީ ގޮތުން މޭޔަރުގެ މަގާމުގައި މި ވަގުތު ހުންނެވި އަހުމަދު ނަރީޝް، ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ނަރީޝް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ވާދަކުރައްވާނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ކަމަށެވެ. އަދި މިއީ ކުޅުދުއްފުށި އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އޭނާ ވެގެންދާނީ ރައްޔިތުންގެ ހައްގުގައި ބަސް ބުނާ، ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ކަމަށާއި ކުޅުދުއްފުށި ސިޓީއަށް ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ހޯދައިދީ ސަރުކާރާއި ރައްޔިތުންގެ ދޭތެރޭގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެމްބަރުން އަޅުގަނޑަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބު ކޮށްދެއްވުން" ނަރީޝް ވިދާޅުވިއެވެ.

ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ނަރީޝްއަށް ސިޔާސީ މައިދާނުގައި މަޝްހޫރު ވެގެން ދިޔައީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2018 ވަނަ އަހަރު ނަރީޝްގެ ނަން ބޭނުންކުރައްވާ ޖެއްސެވި މިސާލަކާ ގުޅިގެންންނެވެ.

ޕީޕީއެމަށް އެ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން ނަރީޝް ފެނިގެން ދިޔައީ ޗެނަލް 13ގެ ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އެ ފަހުން އޭނާ ވަނީ ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ.